ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތިން ފަހަރު ޗެމްޕިއަން ތ. ތިމަރަފުށިން މިރޭ ކުއާޓާ ފައިނަލަށް ނުކުންނަ އިރު، ބައެއް ކަންކަން ރަނގަޅުވެ ހިތްހަމަޖެހުމެއް ލިބިފައިވާ ނަމަވެސް، އަނިޔާގެ މައްސަލައަކީ ކަންބޮޑުވުމެއް ކަމަށް އިބްރާހީމް އަސްވަދު (ގަބޭ) ބުނެފިއެވެ.
މިއަހަރުގެ މުބާރާތުގައި ތިމަރަފުށިން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އެޓީމުން ގަދަ 16 ގައި ހއ. މާރަންދޫ ބަލިކޮށް ކުއާޓާއަށް ދަތުރުކުރިއެވެ. އެ މެޗުން މޮޅުވި ނަމަވެސް، ޓީމަށް އަދިވެސް ވިސްނަން ޖެހޭ ކަންކަން ގިނަ ކަމަށް މެޗަށްފަހު ގަބޭ ފާހަގަކުރިއެވެ.
"އަދި އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި. މިހާރު ދެން ކުރިއަށްވުރެ ރަނގަޅުވެސް ވެއްޖެ. އަހަރެމެންނަށް ކުރިން ދިމާވި އެއް މައްސަލައަކީ ގޯލު ޖެހުމުގެ މައްސަލަ. އެ މައްސަލަ މިހާރު އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ރަނގަޅުވެއްޖެ. އެހެންނަމަވެސް އަނިޔާގެ މައްސަލަތައް އެބައުޅޭ. އެއީ އެންމެ ބޮޑު މައްސަލައަކީ،" ގަބޭ ބުންޏެވެ.
ގަބޭ ބުނީ ކުއާޓާ ކުޅެނީ ގަޑި ހުއްޓައިގެން ކަމަށްވުމާއެކު މިވަގުތު ސްކޮޑު އެއްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މެޗު ނެގުން އެއީ ވިސްނާނެ ގޮތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
"ކުއާޓާ މެޗަށް ކޮންފިޑެންސް އެބައޮތް. އެކަމަކު އަނިޔާތައް ރިކަވާވާނެހެން ހިއެއް ނުވޭ. ދެން މި ބަލަނީ ޓީމުގެ ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިންވެސް މެކްސިމަމް ދީގެން މަސައްކަތް ކުރަން. އެއީ ކުއާޓާއަކީ ގަޑި ހުއްޓައިގެން ކުޅޭ މެޗަކަށްވެސް ވުމާއެކު. އެއީ އޮންނާނެ އޮޕްޝަނަކީވެސް. ކޮންމެ ކުޅުންތެރިޔަކުވެސް ދައްކާނެ ބެސްޓް. ނަގަން މި ވިސްނަނީ އިންޝާﷲ،" މީގެ ކުރިން ދެ މުބާރާތެއްގެ ކިންގުގެ މަގާމު ހޯދި ގަބޭ ބުންޏެވެ.
ތިމަރަފުށިން ކުއާޓާ ފައިނަލުގައި މިރޭ ގއ. ދެއްވަދުއާ ދެކޮޅަށް ނުކުންނާނީ 10:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް