ޔޫރަޕިއަން ސުޕަ ލީގު ޕްރޮޖެކްޓުން ރަސްމީކޮށް ވަކިވެފައިވާ ކަމަށް ބާސެލޯނާއިން މިއަދު ހާމަކޮށްފިއެވެ.
ފީފާއާއި ޔޫއެފާގެ ބޭރުން، 12 ކްލަބަކުން 2021 ވަނަ އަހަރު އުފައްދަން މަސައްކަތް ކުރި އާ ލީގެއް ކަމަށްވާ، ޔޫރަޕިއަން ސުޕަ ލީގު 48 ގަޑިއިރު ތެރޭގައި ފެއިލްވިއެވެ. ފައުންޑިން 12 ކްލަބާއެކު އެ ލީގު އުފެއްދި ނަމަވެސް، ފުރަތަމަ ދެ ދުވަހުގެ ތެރޭގައި ނުވަ ކްލަބަކުން އެ ލީގުން ވަކިވިއެވެ. އެއީ ސަޕޯޓަރުން މަގުތަކަށް ނުކުމެ، އެކަމާ ދެކޮޅަށް އަޑު އުފުލަން ފެށުމާވެސް އެކުގައެވެ.
އެފަހަރު އެ ޕްރޮޖެކްޓުން ވަކި ނުވެ އޮތީ، ރެއާލް މެޑްރިޑާއި ބާސެލޯނާ އެކަންޏެވެ. އޭގެ ތެރެއިން ބާސާ މިއަދު ސުޕަ ލީގުން ވަކިވުމާއެކު މިވަގުތު ބާކީ އޮތީ ރެއާލް އެކަންޏެވެ.
ސުޕަ ލީގުން ގެންނަން މަސައްކަތްކުރި ކޮންސެޕްޓަކީ ޔޫއެފާއާއި ހިންގާ ކްލަބު މުބާރާތްތަކުގެ ބޭރުން ހާއްސަ މުބާރާތެއް ބޭއްވުމަށް ރޭވި ކޮންސެޕްޓެކެވެ. އޭގެ ސަބަބުން ކްލަބުތަކުގެ މާލީ ހާލަތު ރަނގަޅު ވާނެކަމަށް ސުޕަ ލީގު އުފައްދަމުން އެ ކްލަބުތަކުން ހާމަކޮށްފައިވެއެވެ. އެއީ 2021 ވަނަ އަހަރު އެ ކޮންސެޕްޓް ރޭވި ގޮތެވެ.
އެހެން ނަމަވެސް، އެފަހަރު ސުޕަ ލީގުގެ ފައުންޑިން ކްލަބުތަކުގެ ތެރެއިން އިޓަލީގެ ތިން ކްލަބަކާއި އިނގިރޭސި ހަ ކްލަބަކުން އެ ޕްރޮޖެކްޓުން ކުއްލިއަކަށް ވަކިވިއެވެ. އޭރު ބާކީ އޮތީ ޔުވެންޓަސްއާއި ބާސާ އަދި ރެއާލެވެ. އޭގެ ތެރެއިން ޔުވެންޓަސް ވަނީ 2023 ވަނަ އަހަރު ޕްރޮޖެކްޓުން ބޭރުވެފައެވެ.
އެ ކްލަބުތަކުން ސުޕަ ލީގުން ބޭރުވީ ޔޫއެފާއިން ފިއްތުންތައް ކުރިމަތިކޮށް، ފީފާ މެދުވެރިވެ، ޔޫއެފާއިން ބޭރުކޮށްފާނެ ކަމުގެ ބިރަށެވެ.
އެހެން ނަމަވެސް ފަހުން ކޯޓުގެ ނިންމުމަކާއެކު ސުޕަ ލީގަށް މިނިވަންކަން ލިބިފައިވެއެވެ. އެފަހަރު ޔޫރަޕިއަން ކޯޓު އޮފް ޖަސްޓިސްއިން ނިންމާފައި ވަނީ ޔޫއެފާއާއި ފީފާއިން ސުޕަ ލީގު ހުއްޓުވާލަން މަސައްކަތް ކޮށްފައިވަނީ އުސޫލުތަކުން ބޭރުން ކަމަށެވެ.
އެ ނިންމުމާއެކު ބާސާއިން ރެއާލް އެކުވެގެން ބަޔާނެއް ނެރެ، އަލުން އާ ގޮތަކަށް ސުޕަ ލީގު ޕްރޮޕޯސް ކޮށްފައިވެއެވެ. ސުޕަ ލީގުގެ އާ ޕްރޮޕޯސަލްއާއެކު އެ ލީގުގެ ޗީފް އެގްޒެކެޓިވް ބާންޑް ރެއިޗާޓް ނެރުއްވި ބަޔާނުގައި ވިދާޅުވީ ޔޫއެފާގެ "މޮނޮޕޮލީ ނިމިއްޖެ،" ކަމަށާއި، ފުޓުބޯޅަ މިނިވަން ވެއްޖެ ކަމަށެވެ. އެ ލީގަށް ޕްރޮޕޯސް ކޮށްފައިވަނީ 64 ޓީމުގެ ލީގެއް ކުޅުމަށެވެ. އަދި ޓީމުތަކަށް މާލީގޮތުން ދެގުނަ ފައިދާވާނެ ކަމަށްވެސް ވައުދުވެފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ