ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގަދަ 16 ގެ މެޗުތައް ކާމިޔާބުކޮށް ތ. ތިމަރަފުއްޓާއި ގއ. ދެއްވަދޫންވެސް ކުއާޓާ ފައިނަލް ޔަގީންކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގަދަ 16 ގެ މެޗުތައް އިއްޔެ ހަވީރު ފަށާފައިވާ އިރު، ރޭ ފުރަތަމަ ކުޅެން އޮތް ދެ މެޗު ޖެހުނީ މިރެއަށް ފަސްކުރާށެވެ. އެއީ ވިއްސާރައިގެ ސަބަބުންނެވެ. ހދ. ނައިވަދުއާއި މ. ދިއްގަރު ވާދަކުރާ މެޗުގެ އިތުރުން ދެން ފަސްކުރީ ލ. އިސްދުއާއި އއ. މަތިވެރި ކުޅެން އޮތް މެޗެވެ. އެެ ދެ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.
ތިމަރަފުށިން ރޭ ކުޅުނު ގަދަ 16ގެ މެޗުގައި ހއ. މާރަންދޫ ބަލިކުރީ 3-0 އިންނެވެ. އެ މެޗުގައި ތިމަރަފުށީގެ އަބްދުﷲ ޒިޔާން ދެ ގޯލް ޖެހި އިރު، އަނެއް ގޯލަކީ ހުމައިދު ހުސައިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ތިން ފަހަރުގެ ޗެމްޕިއަން ތިމަރަފުށިން ކުއާޓާގައި ނުކުންނަން ޖެހޭނީ މުބާރާތު އެންމެ ވަރުގަދަ އެއް ޓީމު، ގއ. ދެއްވަދުއާ ދެކޮޅަށެވެ. ދެއްވަދޫން ކުއާޓާ ޔަގީންކުރީ 4-2 އިން ވ. ކެޔޮދޫ ބަލިކޮށްގެންނެވެ.
ދެއްވަދޫގެ ގޯލްތައް މެޗުގައި ޖެހީ އަހްނަފް ރަޝީދާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)ގެ އިތުރުން އަލީ ހައިޝަމް (ޗުމްޕު) އެވެ. އަހްނަފް މެޗުގައި ދެ ގޯލް ޖެހިއެވެ.
ކެޔޮދޫގެ ގޯލްތައް ޖެހީ ނާއިލް މުހައްމަދު ނަސީރާއި އަހުމަދު ރައްޔާން އާދަމްއެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް