ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސްއާއި ނިއު ރޭޑިއަންޓް ވާދަކުރަން އޮތް މެޗަށް ގްރީންގެ ކުޅުންތެރިން ހަމަނުވުމުން، ނިއު ރޭޑިއަންޓަށް މެޗު ލިބުމާއެކު ފައިދާ ގޯލްގެ ތަފާތުން ކްލަބު ވެލެންސިއާ ރެލިގޭޓް ވެއްޖެއެވެ.

ފުޓުބޯޅަ ފޯމެޓަށް ގެނައި ބަދަލާއެކު މިފަހަރު ލީގުގެ ފުލަށް ދާ ދެޓީމު އޮޓޮމެޓިކުން ރެލިގޭޓްވާނެއެވެ. މިހަފުތާގެ މެޗުތަކަށް ނުކުތް އިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތީ ރެލިގޭޓް ވެފައެވެ. ދެވަނަ ޖާގައިން ސަލާމަތްވާން ވެލެންސިއާއި ގްރީން ސްޓްރީޓްސްއިން މަސައްކަތް ކުރި އިރު، އިއްޔެ ވެލެންސިއާއިން ވަނީ ކްލަބު އީގަލްސް ކައިރިން 2-0 އިން މޮޅުވެ، ކުޑަ އުންމީދެއް ހޯދައިފައެވެ.

މިއަދު ގްރީން މެޗަށް ނުކުތް އިރު، ވެލެންސިއާއަށް ސަލާމަތްވެވެން އޮތް ގޮތަކީ، ލީގުގައި މިއަދު ނިއުއިން ފަސް ގޯލުގެ ތަފާތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމައެވެ. އެއީ ވެލެންސިއާއަށް ގެއްލުން 28 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސް އަށް ގެއްލުން އޮތީ 24 ގޯލް ކަމަށްވީމައެވެ. އެ ދެޓީމަށްވެސް 18 މެޗުން 12 ޕޮއިންޓް ލިބިފައިވެއެވެ.

ގްރީން މިއަދުގެ މެޗަށް ހާޒިރުނުވުމުން އެޓީމު މެޗުން ބަލިވީ 2-0 އިން ކަމަށް ނިންމުމާއެކު، ވެލެންސިއާ ސަލާމަތްވާ ގޮތެއް ނުވިއެވެ.

މިދިޔަ އަހަރުތަކުގެ ތެރޭގައިވެސް ވެލެންސިއާއަށް ވަނީ ރެލިގޭޝަނާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެޓީމަށް 2018 ވަނަ އަހަރުވެސް ރެލިގޭޝަނާ ކުރިމަތިވިއެވެ. އޭގެފަހުން ޕްރޮމޯޓްވީ 2020 ވަނަ އަހަރުއެވެ.