ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބާއެކު ފެށިގެން އެ ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތަސައްވުރުގެ ބާބު ކަމަށާއި ލާމާރުކަޒީ ނިޒާމުގެ ހަގީގީ ޗެމްޕިއަނަކީ އެ މަނިކުފާނު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް އިންތިހާބުގައި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މި ފެށޭ އިންތިހާބަކީ ހަގީގަތުގައި ލޯކަލް ގަވަނަންސްގެ ނިޒާމު އޭގެ އެންމެ ފުން މާނައިގައި ތަންފީޒުކުރަން ފެށޭ އިންތިހާބު ކަމަށެވެ.

ހުރިހާ ރައްޔިތުން ވޯޓުލައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަކަށް، ކޮމިޓީގެ ރައީސަކު ހޮވި ތާރީހެއް ދިވެހި ތާރީހުގައި ނޯންނާނެ ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް، އެ މަނިކުފާނު ކުރެއްވި ތަސައްވުރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ޒިންމާދާރުކަމާއެކު ހުރިހާ ބޭފުޅުން ވޯޓު ދެއްވުމަކީ ކުޑަވެސް ޝައްކެއް ނެތް ގޮތުގައި އަދާކުރަން ޖެހޭ ގައުމީ ވާޖިބެއް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އަޅުގަނޑުމެން މި ފަށަނީ ލޯކަލް ގަވަނަންސްގެ މުޅިން އާ ބާބެއް. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތަސައްވުރުގެ ބާބު. އެއީ ދިވެހި ރައްޔިތުންނަށް ހަގީގީ ތަރައްގީ ގެނެސްދޭނެ ބާބު،" މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކައުންސިލުތަކަށް ދެއްވާނެ ބަޖެޓު ބޮޑުކުރައްވާނެކަމާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް އެލަވަންސްދިނުމަށް އަދި މަސައްކަތްކުރާނެ އޮފީސްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި ރައީސް ކުރައްވަނީ ގާނޫނު އަސާސީގައި ބުނާ ރައްޔިތުން ބާރުވެރިކުރުމުގެ މަސައްކަތްޕުޅު ކަމަށެވެ.

"ދިވެހިރާއްޖޭގެ ލޯކަލް ގަވަނަންސްގެ ޗެމްޕިއަނަކީ ޑރ. މުހައްމަދު މުއިއްޒު. އަޅުގަނޑުމެން މިއީ އެ ޓީމުގެ މެންބަރުން، ތިޔަބޭފުޅުން ތިއީ އެ ޓީމުގެ މެންބަރުން،" މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރަހައިގެ ތެރެއިން އެކުލަވާލާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް، މިއޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ކުރިއަށްގެންގޮސް، ދިވެހި ރައްޔިތުން އެ ބޭނުންވާ ދިވެހީންގެ ރާއްޖެ ގާއިމުކުރުމުގެ ސިޔާސަތު އެންމެން ގުޅިގެން އެކުލަވާލާނެ ކަމަށެވެ.