ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމަށް ވަޑައިގެންނެވި ދުވަހު ވަނީ ދައުލަތުގެ އޮނިގަނޑު އެކުލަވާލައްވައި، މިނިސްޓަރުންނަށް މަސްއޫލިއްޔަތު ހަވާލުކޮށްފައި ކަމަށެވެ. ރައީސް މުއިއްޒު ގައުމާ ހަވާލުވެވަޑައިގެންނެވިއިރު ހުރިހާ އިދާރާތަކެ އްވަނީ ވިއްސިވިހާލިވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކުރީ ސަރުކާރުތަކުގައި އަމާޒެއް، ވިސްނުމެއް ނެތް ކަމަށާއި އެ ބޭފުޅުން ބޭނުންވީ ހަމައެކަނި ވެރިކަން ކަމަށެވެ.
"އިދިކޮޅު ފަރާތްތަކުން ވެރިކަމާ ހަވާލުވިއިރު މި ސަކާރަތް ޖަހަން ޖެހުނު ހަގީގީ ސަބަބަކީ ހަގީގަތުގަ އެ ބޭފުޅުންގެ ވިސްނުމުގާ ސިޔާސަތެއް، އަމާޒެއް ނެތުން. ވެރިކަން ހޯދުން އެއީ ހަމައެކަނި ކުރަން ބޭނުންވެފައިވާ ކަން ކަމުގައިވެފައިވާތީ. މީހުން ވެރިކަން ހޯދަނީ މި ދެންނެވިހެން ގައުމަށް ހިދުމަތް ކުރަން ބޭނުންވާތީ. ސިޔާސީ މަސައްކަތުގެ އުޅެނީ ގައުމަށް ހިދުމަތް ކުރަން ބޭނުންވާތީ. އެ ނޫން ނިޔަތެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވަންޏާ އަވަހަށް ގެއަށް ވަޑައިގަންނަވާ" ނާޒިމް ވިދާޅުވިއެވެ.
"ދުނިޔޭގެ އިދިކޮޅު ޕާޓީގައި ތިބެގެންވެސް މީހުން ގައުމަށް ހިދުމަތްކުރޭ. އެެހެންނަމަވެސް މި ބޭފުޅުންގެ މި ވިސްނުމެއް، މި ފިކުރެއް ނެތް"
ތަރައްގީވަމުން އަންނަ ގައުމަކަށް މުހިންމުވާނީ ދެމެހެއްޓެނެވި ގޮތަކަށް ތަރައްގީގެ މަސައްކަތް ކުރުން ކަމަށް ނާޒިމް ވިދާޅުވިއެވެ. ސިޔާސީ ހަމަނުޖެހުމަކީ ތަރައްގީވަމުން އަންނަ ގައުމަކަށް އެތަކެއް ދަތިތަކެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އެންމެ ފުރަތަމަ ކުރަންޖެހުނު މަސައްކަތަކީ ދައުލަތުގެ އިދާރާތަށް ހަމަމަގަށް އަޅުވައި، ކަންކަން އިސްލާހުކުރުންކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ މި ސަރުކާރުން ދެމުންދާ ކަމަށާއި މިހާރު 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ލިބެމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށާއި، ދަރަނި ދެއްކުން އަދި އިގްތިސޯދު ރަނގަޅުކުރުމުގެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރުގެ އެންމެ ފުރަތަމަ ހެލްތު މިނިސްޓަރު، މިހާރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، މިނިސްޓްރީއަށް ވަޑައިގެން ބެއްލެވިއިރު ވެންޓިލޭޓަރުތަކުގެ ފައިސާ ލިބިފައިނުވާ ކަމަށެވެ. އަދި ވެންޓިލޭޓަރުތަކެއްވެސް ނުލިބޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، މިނިސްޓްރީއަށް ވަދެ ބެއްލެވިއިރު މަސްވެރިންނަށް ދޭންޖެހޭ އެތަކެއް ސަތޭކަ މިލިއަން ރުފިޔާއެއް ދީފައިނުވާކަން އެނގުނުކަމަށް ނާޒިމް ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރު އޮފީހަށް ވަޑައިގެން ބެއްލެވި އިރު، ޕްރައިވެޓް ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރިކަން އެނގުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، އޮފީހަށް ވަޑައިގެން ބެއްލެވި އިރު، ގޮތް ނޭނގޭ އެތަކެއް އެއްބަސްވުންތަކެއްގައި ކުރީ ސަރުކާރުން ސޮއިކޮށްފައިވާކަން އެނގުނު ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް ވިއްކާލާފައިވާކަން އެނގުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް