ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ވެލެންސިއާއިން ކްލަބު އީގަލްސް ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާއިން އީގަލްސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ ފުޓުބޯޅަ ފޯމެޓަށް ގެނައި ބަދަލާއެކު މިފަހަރު ލީގުގެ ފުލުގައި އޮންނަ ދެޓީމު އޮޓޮމެޓިކުން ރެލިގޭޓް ވާނެއެވެ. އަދި ހަތްވަނައަށް ދާ ޓީމާއި އަށްވަނައިގައި ނިންމާލާ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެއެވެ.
މިދިޔަ ހަފްތާގައި ވެލެންސިއާއާ އެއްވަރުވެ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވަނީ 10 އަހަރަށް ފަހު ވަނީ ރެލިގޭޓްވެފައެވެ.
ރެލިގޭޝަނަށް އަދި އިތުރު އެއް ޓީމަކުންދާ އިރު، ވެލެންސިއާއަށް އުންމީދެއް ހޯދުމަށް މިއަދުގެ މެޗުން މޮޅުވާން އޮތީ މަޖުބޫރުވެފައެވެ. މެޗުން މޮޅުވުމާއެކު ވެލެންސިއާ، މިވަގުތު ނުވަ ވަނައިގައި އޮތީ 18 މެޗުން 12 ޕޮއިންޓާ އެކުގައެވެ. ފައިދާ ގޯލްގެ ތަފާތަށް ބަލާއިރު، ވެލެންސިއާ އަށް އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުމަށް އޮތް ގޮތަކީ، ލީގުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފަސް ގޯލުގެ ތަފާތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމައެވެ. ވެލެންސިއާއަށް މިވަގުތު ގެއްލުން 28 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސްއަށް ގެއްލުން އޮތީ 24 ގޯލެވެ. އެ ޓީމަށްވެސް 17 މެޗުން 12 ޕޮއިންޓް ލިބިފައިވެއެވެ.
އަދިވެސް ވެލެންސިއާ ރެލިގޭޝަނާ ގާތަށް އޮތް އިރު، އެޓީމަށް މީގެ ކުރިން 2018 ވަނަ އަހަރުވެސް ރެލިގޭޝަނާ ކުރިމަތިވިއެވެ. އޭގެފަހުން ޕްރޮމޯޓްވީ 2020 ވަނަ އަހަރުއެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ވެލެންސިއާއިން ލީޑު ނަގާފައިވާ އިރު، އެ ގޯލަކީ އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާން ކުރިއަށް ފޮނުވާލަން އުޅުނު ބޯޅައެއްގައި އައިދު މުހައްމަދު ޖަވީޒު ޖެހި ގޯލެކެވެ. ދެވަނަ ހާފުގައި ވެލެންސިއާއިން ނަތީޖާ ޔަގީންކުރީ، އުރުގުއާއީ މިޑްފީލްޑަރު މަޓިއަސް އަޕެލްޓް ޖެހި ގޯލުންނެވެ.
ހާފުގެ މެދެއްހާ ހިސާބުން މަޓިއަސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.
މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެނަަަމަ، އެ ޓީމުން ލީގު ނިންމާނީ އީގަލްސް އަށް ވުރެން މަތިން ފަސް ވަނައިގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު