ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އެޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި ކުޅެން ދެކޮޅު ހަދާފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
ނަސްރުން އެންމެފަހުން ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅެފައި ނުވަނީ ކްލަބުގެ ހިންގުމާ މެދު ހިތްހަމަނުޖެހިގެން އެކަމާ ހަޅުތާޅު ކުރުމުގެ ގޮތުން ކަމަށް ސްކައި ސްޕޯޓްސްއިންވެސް ބުނެފައިވެއެވެ. ސްކައި ސްޕޯޓްސްއިން ބުނީ ރޮނާލްޑޯ މިވަގުތު ހުރީ ފިޓްކޮށް ކަމަށާއި، މެޗުގައި ނުފެނުނީ ކޯޗު ރެސްޓް ދޭން ބޭނުންވެގެންވެސް ނޫން ކަމަށެވެ.
ހަބަރުތައް ބުނީ ރޮނާލްޑޯ، 40، ކްލަބަށް ކުޅެން ދެކޮޅު ހަދާފައި ވަނީ ކްލަބުގެ މައިގަނޑު ހިއްސާދާރުން ކަމަށްވާ ސައުދީގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑް (ޕީއައިއެފް) އިން ހަރަދުކުރާ ގޮތާ ދޭތެރޭ ހިތްހަމަ ނުޖެހިގެންނެވެ. ސައުދީ ފުރަތަމަ ޑިވިޝަނުގެ ހަތަރު ކްލަބަކަށް ޕީއައިއެފް، ސަރުކާރުގެ ސޮވަރިން ފަންޑުން ހަރަދު ކުރެއެވެ.
އެއީ ނަސްރާއި އަލް ހިލާލް، އަލް އިއްތިހާދުގެ އިތުރުން އަލް އަހްލީއެވެ. ހަބަރުތައް ބުނާގޮތުގައި ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި ޕީއައިއެފްއިން ކްލަބުތަކަށް ހަރަދުކުރަނީ ތަފާތުކުރުންތަކާއެކުގައެވެ. އެގޮތުން މިފަހަރުގެ ޓްރާންސްފާ ސީޒަނުގައިވެސް އަލް ހިލާލާއި އިންތިހާދުވެސް ވަރުގަދަ ޓްރާންސްފާތަކެއް ކޮށްފައިވާ އިރު، އަހްލީއަށްވެސް ހަރަދުކުރަން ޕީއައިއެފްއިން ފަންޑް ދީފައިވާ ކަމަށް ރޮނާލްޑޯ ގަބޫލުކުރާ ކަމަށް ނޫސްތައް ބުނެއެވެ. އެހެން ނަމަވެސް ނަސްރުން މިހާތަނަށް ސޮއިކުރީ އިރާގުގެ ޒުވާން ކުޅުންތެރިޔަކާ އެކު އެކަނި ކަމަށްވުމުން އެއީ ރޮނާލްޑޯއަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ނޫސްތައް ބުނެއެވެ.
ރޮނާލްޑޯ 2023 ވަނަ އަހަރު އަލް ނަސްރާ ގުޅުނު ފަހުން އެ ކްލަބާއެކު ތަށްޓެއް ހޯދިފައެއް ނުވެއެވެ. އޭނާ މާޔޫސްވުމުގެ މައިގަނޑު ސަބަބަކީ އެއީ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ރޮނާލްޑޯ އަލް ނަސްރުގައި ހުރީ ބޮޑު އެއްބަސްވުމެއްގައެވެ. އެ ކްލަބުން އޭނާއަށް ދުވާލެއްގެ މައްޗަށް ބައި މިލިއަން ޑޮލަރު ޖެހޭ ކަމަށް ނޫސްތައް ބުނެއެވެ.
މުޙައްމަދު ޝަމްޢޫން
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ