ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ޗެމްޕިއަންކަން ރ. ދުވާފަރާއި ގއ. ދެއްވަދޫގެ އިތުރުން ހދ. ނައިވާދޫ އަދި އއ. މަތިވެރިން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ބުރު ރޭ ނިމިފައިވާ އިރު، ރޭވެސް ވަނީ ހަތަރު ޒޯނެއްގެ ފައިނަލްތައް ކުޅެފައެވެ.

ޒޯން އެކެއްގެ ޗެމްޕިއަންކަން ނައިވާދޫން ހޯދި އިރު، އެ ޓީމުން މުޅިން އަލަށް ޒޯން ފައިނަލްގައި ވާދަކުރި ހއ. މާރަންދޫ ބަލިކުރީ 6-1 އިންނެވެ. މެޗުގައި ނައިވާދޫގެ އަބްދުﷲ ވިސާމް (ވިޝަންޓޭ) ހެޓްރިކް ހެދި އިރު، ޒޯނުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމާއި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާއެވެ. އޭގެ އިތުރުން ނައިވާދޫގެ ގޯލްތައް ޖަހައިދިނީ ކެޕްޓަން ޔާމިން މުހައްމަދު (ޔާންޓެ) އާއި މުހައްމަދު އަސްލަމްގެ އިތުރުން އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

މާރަންދޫގެ ހަމައެކަނި ގޯލް ޖެހީ ހަސަން އަސްލަމެވެ.

https://www.facebook.com/permalink.php?story_fbid=pfbid02BZBERyRpmanmtGRW5pGQfS4bpmGzYoXxNEJFDbDetoJNJ9yqb3wHRsVcEYZALbyUl&id=61567318384297

ޒޯން ހަތަރެއްގެ ފައިނަލުގައި މަތިވެރިން 5-2 އިން ކެޔޮދޫ ބަލިކުރި އިރު، އެ މެޗުގައި މަތިވެރީގެ ގޯލްތައް ޖެހީ ހައިޝަމް އަލީ، މުހައްމަދު ޒާހިދު ސައީދު، އަހުމަދު ފިރާޝް، އަލީ އަލްސަން އަދި އަބްދުﷲ ފިޒާން އަބްދުލް ގަފޫރު (ފިޒޭ) އެވެ.

ކެޔޮދޫގެ ދެ ގޯލްވެސް ޖެހީ އެ ޒޯނުގެ ޓޮޕް ސްކޯރާ އަހުމަދު ރަޝީދު (އަންމަޑޭ) އެވެ. ޒޯންގެ މޮޅު ކުޅުންތެރިޔަކީ މަތިވެރީގެ އަލްސަންއެވެ.

https://www.facebook.com/permalink.php?story_fbid=pfbid02jmepqRBvF8bzYMsf2azXfCkKnoP97cV724Hw7e1Yfeq7bj1fpfZJ4BZU1ZXwFvC5l&id=61567318384297

ރޭ ދުވާފަރުން ޒޯން ތަށި ނެގީ ށ. ކަނޑިތީމު ކައިރިން 2-0 އިން ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަކޮށް ފެނުނު މެޗުގައި ދުވާފަރުގެ ގޯލްތައް ޖެހީ އިބްރާހީމް އަނާން އަލީއާއި އަހުމަދު އީސައެވެ. ކަނޑިތީމުގެ މުހައްމަދު ޝާނަށް މެޗު ތެރެއިން ރަތް ކާޑު ދެއްކި އިރު، މުހައްމަދު އިޝާނަށްވެސް ރެފްރީ ވަނީ ރަތެއް ދައްކާފައެވެ. އޭގެ އިތުރުން ކަނޑިތީމުގެ ފަސްޓް އެއިޑް މުހައްމަދު ރަޝީދަށްވެސް ރަތެއް ދައްކާފައިވެއެވެ.

ޒޯން ދޭއްގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ޓޮޕް ސްކޯރާއަކީވެސް ދުވާފަރުގެ މުހައްމަދު އިޝާމް (ޝަންޓެ)އެވެ.

ދެއްވަދޫން ޒޯން ތަށި ނެގީ ސ. ހިތަދޫ ކައިރިން 3-1 އިން ޒޯން ފައިނަލް ކާމިޔާބުކޮށްގެންނެވެ. އެމެޗުގައި ދެއްވަދޫގެ މުހައްމަދު އިމްރާން (އިންމި)ގެ އިތުރުން އަހުމަދު ރާހިލް ރަޝީދު އަދި އަހްނަފް ރަޝީދުވެސް ގޯލް ޖެހިއެވެ. ހިތަދޫގެ ގޯލް ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

https://www.facebook.com/permalink.php?story_fbid=pfbid0ysRGkDYVJn4Z14TqHZf6s6FbdkMg5ekcepV9prS8Rm7sTnTgxF4GyxKo5zYfNrjel&id=61567318384297

ޒޯން ބުރަށްފަހު ދެން އޮންނާނީ މުބާރާތުގެ ގަދަ 16 އެވެ. ގަދަ 16 ގެ މެޗުތައް އޮންނާނީ މިމަހުގެ ފަސްވަނަ ދުވަހު ހަވީރާއި އެރޭގައެވެ.

https://www.facebook.com/photo/?fbid=122196456116577279&set=a.122100667322577279

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.