އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) އިންތިހާބުތަކުގެ ވޯޓާއެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ، ބަލަން އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާނަމަ އިތުރު 20 މިލިޔަން ރުފިޔާ ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ދެންމެ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސީސާއަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފައެވެ.
މަޖިލީހުގެ ޗުއްޓީގެ ތެރޭގައި ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާތަކެއް މިދިޔަ ޖެނުއަރީމަހު ބާއްވައިގެން، ވެރިކަންކުރާ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލް މަޖިލީހަށް ބަލައިގެން އިތުރަށް ދިރާސާ ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ނަމަވެސް ގާނޫނުއަސާސީއަށް އެ އިސާހު ގެނެސް އެއަށް އަމަލު ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރެއްވުމުގެ ކުރިން އެކަމާމެދު ރައްޔިތުން ދެކޭގޮތެއް ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ރެފަރެންޑަމަކަށްފަހުގައެވެ.
ހަމަ އެއާއެކު ކައުންސިލް އިންތިހާބު ތަކާއި ޑަބްލިއުޑީސީގެ އިންތިހާބުތަކާއެކު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު، ދެ އިންތިހާބު އެއްކޮށްލަން ބޭނުންވާ ރެފަރެންޓޑަމް ވޯޓު ނަގަން ތާއީދު ކުރައްވާކަމަށް ޕީއެންސީގެ މެދުހެންވޭރު ދާއިރާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ ގޮތުގައިވެސް ހުންނެވި ފަލާހު ވަނީ ވިދާޅުވެފައެވެ.
ދެ އިންތިހާބު ބާއްވާ ބިލް ދިރާސާކުރުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ޒާހިދު ވިދާޅުވީ، ކައުންސިލް އިންތިހާބު ތަކާއި ޑަބްލިއުޑީސީ އިންތިހާބު ތަކާއެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ވާހަކަ ބައެއް މެންބަރުންނާއި، މީޑިއާތަކުން ހާމަކުރަމުން އަންނަ ކަމަށެވެ.
އެހެން ވެއްޖެނަމަ އިތުރު 20 މިލިޔަން ރުފިޔާ ބޭނުންވާ ކަަމަށް ޒާހިދު ވިދާޅުވިއެވެ.
އެއީ ވޯޓަށް ބޭނުންވާ އިތުރު ކަރުދާސް ޗާޕް ކުރުމަށާއި، ކައުންސިލް ތަކާއި ޑަބްލިއުޑީސީ އިންތިހާބުތަކަށް ބޭނުންވާ ވޯޓު ފޮށިތައް މިހާރު ރަށްރަށަށް ފޮނުވާފައިވާއިރު، ހިޔާލު ހޯދުމުގެ ވޯޓަށް ބޭނުންވާ އިތުރު ވޯޓު ފޮށިތައް އަލުން ތަންތަނަށް ފޮނުވުމަށާއި، އޮޮފިޝަލުން އިތުރަށް ނެގުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާން މިއުޅެނީ ރިޔާސީ އިންތިހާބު މަޖިލީސްގެ ދައުރު ހަމަވާންދެން ދެމިއޮންނަގޮތް ހަދާންވެގެން.
އަހުމަދު - 5 މަސް ކުރިން