އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާއިން ކުޅުނު މެޗުގައި ބަލިވި އިރު، މެންޗެސްޓާ ސިޓީން ކުޅުނު މެޗުން އެޓީމުވެސް އެއްވަރުވެއްޖެއެވެ.
ސިޓީއާއި ވިލާއަކީވެސް ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާ ވާދަކުރަމުން އަންނަ ދެޓީމެވެ. އެދެޓީމުން ޕޮއިންޓް ގެއްލުވާލާފައިވާ އިރު، އެއްވަނައިގައި އާސެނަލް މިވަގުތު އޮތީ 24 މެޗުން 53 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސިޓީއަށް 24 މެޗުން 47 ޕޮއިންޓް ލިބިފައިވާ އިރު، ވިލާ ތިންވަނައިގައި އޮތީ 24 މެޗުން 46 ޕޮއިންޓާއެކުގައެވެ.
ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ފަހުވަގުތު 3-2 އިން ފުލަމް ބަލިކުރި އިރު، އެޓީމުން މައިކަލް ކެރިއާއެކު ދަނީ ފޯމު ދަމަހައްޓަމުންނެވެ. ޔުނައިޓެޑުން މިވަގުތު ތާވަލުގެ ހަތަރު ވަނައިގައި އޮތީ 24 މެޗުން 41 ޕޮއިންޓާއެކުގައެވެ.
ވިލާއިން ރޭ ބްރެންޑްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި 1-0 އިން ބަލިވި އިރު، މެޗުގެ 42 ވަނަ މިނެޓުގައި ބްރެންޑްފޯޑުގެ ކެވިން ޝޭޑަށް ދެއްކި ރަތް ކާޑާއެކުވެސް ވިލާއަށް ތަފާތެއް ނުދެއްކުނެވެ. މެޗުގެ ހަމައެކަނި ގޯލް، ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖަހައިދިނީ ޑަންގޯ އޮއުޓާރާއެވެ.
ދެވަނަ ހާފުގައި ވިލާއަށް އަލަށް ގެންދިޔަ ޓެމީ އަބްރަހަމް ޖެހި ބޯޅައެއް ގޯލަށް ވަން ނަމަވެސް، އެއީ ގޯލެއް ނޫން ކަމަށް ނިންމީ ބިލްޑް އަޕްގައި ބޯޅަ ބޭރަށް ދިޔުމުންނެވެ.
ސިޓީން ރޭ ޓޮޓެންހަމް ކައިރިން އެއްވަރުވީ 2-2 އިންނެވެ. މެޗުގެ ކުރީކޮޅުގައި ރަޔަން ޗެރްކީ ސިޓީއަށް ލީޑު ނަގައިދިނެވެ. އަދި އޭގެފަހުން ހާފު ނިމެން ދަނިކޮށް އެންޓޮއިން ސެމެންޔޯ ސިޓީއަށް ލީޑު ފުޅާވެސް ކޮށްދިނެވެ. އެ ދެގޯލްގެ ލީޑާއެކު ސިޓީން ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފުގައި ޓޮޓެންހަމްއިން އެއްވަރުކުރިއެވެ. އެދެ ގޯލްވެސް ޖެހީ ޑޮމިނިކް ސޮލާންކޭއެވެ.
ޔުނައިޓެޑުން ފުލަމް ކައިރިން މޮޅުވި މެޗުގައި ފުރަތަމަ ދެ ގޯލް ޖެހީ ޔުނައިޓެޑުންނެވެ. އެއީ ކަސެމީރޯއާއި މަތެއަސް ކޫންޏާ ޖެހި ގޯލްތަކެކެވެ. އެ ދެ ގޯލާއެކު ޔުނައިޓެޑުން ލީޑުގައި ކުރިއަށް ދަނިކޮށް، 85 ވަނަ މިނެޓާއި 91 ވަނަ މިނެޓުގައި ގޯލް ޖަހައި ފުލަމް އެއްވަރުކުރިއެވެ. އެ ގޯލްތައް ޖެހީ ރައުލް ހިމެނޭޒްއާއި ކެވިންއެވެ.
މެޗު އެއްވަރުވާން ދަނިކޮށް، ބެންޖަމިން ޝެސްކޯ 94 ވަނަ މިނެޓުގައި ގޯލް ޖަހައި އެޓީމު މޮޅުކޮށްދިނެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު