ދ. ކުޑަހުވަދޫގެ އަބަދުވެސް އަމާޒަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ކަމަށާއި، އެ އަމާޒަށް ވާސިލުވާން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ކެޕްޓަން ހާރޫން އިބްރާހީމް (ހާންޑޯ) ބުނެފިއެވެ.

ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ފަހެއްގެ ތަށި މިފަހަރުވެސް ހޯދީ ކުޑަހުވަދޫންނެވެ. މީގެ ކުރިން މުބާރާތުގެ ސެމީ ފައިނަލްގައި ކުޅެފައިވާ ކުޑަހުވަދޫއަށް މިހާތަނަށް މުބާރާތުގެ ފައިނަލަށް ދެވިފައި ނުވާ އިރު، ހާރޫން ބުނީ ފެށުން ގޯސްކޮށް ދިޔަސް، ހިތްވަރާއެކު ޒޯން ކާމިޔާބުކުރެވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.

"އަލްހަމްދުﷲ ޓީމު މޮޅުވީމަ. އަސްލު ޓީމުގެ ފެށުން ދިޔައީ ދަށްކޮށް. އަތޮޅު ބުރު ނިންމާލާފައި ޒޯނަށް ނުކުތްއިރުވެސް އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫން. ހަމަ ކުޅުންތެރިންގެ ހިތްވަރާއި މަސައްކަތުން ޒޯން ތަށި ލިބުނީ. އިރާދަކުރެއްވިއްޔާ ގަދަ 16 އަށް ތައްޔާރުވާނީ މި ކާމިޔާބީއަކީ ހިތްވަރެއް ކަމަށް ބަލައިގެން،" ހާރޫން "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ކުޑަހުވަދޫން ރޭ މ. ދިއްގަރު ކައިރިން 6-2 އިން ފައިނަލްގައި މޮޅުވި އިރު، ހާރޫން ބުނީ ކުޑަހުވަދޫގެ ޓާގެޓަކީ އަބަދުވެސް ތަށި ކަމަށެވެ.

"ކޮންމެ ފަހަރަކުވެސް ކުޑަހުވަދޫ ނުކުންނަނީ ގޯލްޑަންގެ ތަށްޓަށް. ދެން މިފަހަރު ފުރަތަމަ ދަށްކޮށް ދިޔައީމަ މިއީ އިބުރަތެއް ކަންނޭނގެ. އިރާދަކުރެއްވިއްޔާ މިފަހަރު ދެން ކާމިޔާބުކުރެވޭނެ. އެންމެންގެ މަސައްކަތަކީވެސް މިފަހަރު ތަށި ކާމިޔާބުކުރުން،" ހާރޫން ފާހަގަކުރިއެވެ.

ހާރޫނަނީ އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހާރޫން އިތުރަށް ބުނީ ގޯލްޑަންގެ ތަޖުރިބާ ކުޑަހުވަދޫއަށް ބޮޑު ކަމަށާއި، މުބާރާތަށް އަންނަ ބަދަލު ވަރަށް ބޮޑަށް ފާހަގަވެގެންދާ ކަމަށެވެ.

"ގޯލްޑަންއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް. ދެން ކުޑަހުވަދޫ މުބާރާތުގައި ބައިވެރިވާތާ މިހާރު މިވަނީ ނުވަ އަހަރުވަރުވެފައި. އޭރާއި މިހާރާ ވަރަށް ބޮޑުތަނުން ތަފާތު. މިހާރު މިދަނީ ހަމަ ބޭރު ގައުމުތަކުގައި، ވަރުގަދަ ގައުމުތަކުގައި މި ކުޅޭ ފުޓްސަލްއަށް ބަދަލުވަމުން. ޓެކްޓިކަލް ގޭމަކަށް މިހާރު މިދަނީ ފުޓްސަލް ބަދަލުވަމުން،" އޭނާ ބުންޏެވެ.

ހާރޫން ބުނީ ކުޑަހުވަދޫއަކީ އަބަދުވެސް ރަށު ރޫހު އޮންނަ ތަނެއް ކަމަށާއި، އެ ރޫހުގައި ސަޕޯޓަރުން ތިބޭނެ ކަމަށް ޔަގީންކުރާ ކަމަށެވެ.