ހަމަޔާއި އުސޫލު ގަބޫލުނުކުރާ ޕާޓީއެއްގެ މޭޔަރެއްގެ ޑިސިޕްލިންއެއް ނުހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެދުހެންވޭރު ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކައުންސިލަށް ހޮވަންވީ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށެވެ.
"މާލޭ ސިޓީގެ މައިގަނޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑަށް މި ފާހަގަކުރެވެނީ، މިހާރު ވަކިން ހާއްސަކޮށް މާލޭ ސިޓީ ކައުންސިލު ހިންގަވަން ހަމަޔާއި އުސޫލު ގަބޫލު ނުކުރާ ޕާޓީ ޕާޓީގެ ބޭފުޅުން ތިއްބެވީމަ އެތަންތަނުން ނުނިކުންނާނެ ރަނގަޅު އެއްޗެއް. ހަމައެއް، އުސޫލެއް، ޑިސިޕްލިންއެއް ނުހުންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެ ޕާޓީތަކުގެ މޭޔަރުން ކަން ކުރައްވާނީ ޕާޓީގެ އިސްބޭފުޅުން މީގެ ކުރިން ފަނާކުރަނިވި ވިސްނުމުގައި ކަންކުރެއްވި ގޮތަށް ކަމަށެވެ. އަދި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މޫސާ އަލީ ޖަލީލަކީ މާލޭ ސިޓީ ކައުންސިލަކުން ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދެއްވުމަށްޓަކައި މަސައްކަތް ކުރެއްވުމަށްޓަކައި ގޮތާއި ހަމަޔާއި އުސޫލާއި ޑިސިޕްލިން ޔަގީނުން ވެސް ހުރި ބޭފުޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކަންޏެއް ނޫން، މުޅި ގައުމު އެކަން އެގޮތަށް ގަބޫލުކުރޭ. މިއަދު އަޅުގަނޑުމެން މި ބޭނުންވަނީ ޒިންމާދާރު، އަޅުގަނޑުމެން މި ކިޔާ މެޗުއަރިޓީ، އެ މެޗުއަރިޓީ ހުރި ބޭބޭފުޅުން. ވަކިން ހާއްސަކޮށް މާލޭ ކަހަލަ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޓީ ތަމްސީލުކުރަން، އެ ރައްޔިތުންނާ ގުޅުންހުރި ކަންތައްތައް ހައްލުކޮށް، އެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެއްވަން އެންމެ އިސްކޮށް ހުންނަވާ ބޭފުޅެއްގެ ހުންނަންޖެހޭ ހުރިހާ ސިފަފުޅެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މޭޔަރު ކެންޑިޑޭޓު މޫސާ އަލީ ޖަލީލުގެ އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މޫސާ އަލީ ޖަލީލު ފަދަ ބޭފުޅަކު މާލޭގެ މޭޔަރުކަމަށް ލިބިއްޖެ ކަމަށްވަންޏާ، އެ ޓީމާއެކު މާލޭގެ ހުރިހާ ކަމެއް ވެސް ދާނީ ތަރުތީބުން ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް