ބުޅާ ގެންގުޅުމަށް ހާއްސަ ކޮށްގެން ރާއްޖޭގައި ކެޓް އައިލެންޑެއް ތަރައްގީ ކުރަން ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށް މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، ބުޅާ ގެންގުޅެން މިވަގުތު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހާއްސަ ކޮށްފައިވާ އޮޅު ހިޔަލުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

މިވަގުތު އެތަނުގައި ތިބީ 281 ބުޅާ ކަމަށާއި މިދިޔަ އޯގަސްޓް މަހު އެތަނަށް 35 ބުލޭ ގެނެވުނު ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އެތަނުގައި ކުރަމުންދާ މަސައްކަތްތައް ނިމުމުން، އެތަނުގެ ކެޕޭސިޓީ 500 އަށް އިތުރުވެގެންދާނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިވަގުތު ކުރިއަށްދަނީ ތަން އާބާތުރަ ފިލުވައި ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް. މި މަސައްކަތް ނިނުމާއެކު ހިދުމަތް ދެވޭނެ މިންވަރު ކެޕޭސިޓީ 500 އަށް އިތުރުވެގެންދޭނެ،"

މަގުމަތީގައި އުޅޭ ބުޅާ ގިނަވެގެން އެކި ފަރާތްތަކުން ޝަކުވާ ހުށަހަޅަމުން ގެންދާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ކެޓް އައިލެންޑެއް ތަރައްގީ ކުރުމަށް ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށެވެ.

"އިވެލުވޭޝަންގެ މަސައްކަތް ކުރިއަށް އެބަދޭ އިންޓަނޭޝަނަލް ޕާޓީއަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްއެއް އެއީ،"

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގައި އެކަންކަމާ ގުޅޭ ވަރަށް ބޮޑު ކޮމިއުނިޓީއެއް އޮތް އިރު، ޒަމާނީ ފެސިލިޓީއާ އެކު އެފަދަ އައިލެންޑެއް ގާއިމް ކުރެވިއްޖެނަމަ ބޮޑު ކާމިޔާބަކަަށް ވެގެންދާނެ ކަމަށެވެ.