އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އެ މައްސަލަ ހުށަޙަޅަމުން ޕީޖީން ބުނީ އެއީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެދި އެ އޮފީހަށް ހުށަހެޅީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށެވެ.

އެ ހިދުމަތުން ހުށަހެޅި ހެކިތައް ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ" އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނާން ޖެހޭ ޝަރުތުތައް ފުރިހަމަވާ އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށް ފެންނަ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "ސްކޫޕު"، "ސްކޫޕު ކަންމަތި" ނުވަތަ "SKP” ގުރޫޕަކީ ގާނޫނުގައި ބުނާ ޝަރުތު ފުރިހަމަ ވާ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ގްރޫޕަށް ނިސްބަތްވާ މީހުން ކަމަށް ފާހަގަވެފައިވާ ނުވަ މީހަކު އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި ހުށަހެޅުމާއެކު އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދިނުމަށާއި "ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ހައިކޯޓުގައި ވަނީ އެދިފައެވެ.

މިއީ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހި ފުލުހުންގެ ހިދުމަތުން ޕީޖީ އޮފީހަށް ހުށަހެޅި މިފަދަ ދެވަނަ މައްސަލައެވެ.

މީގެ ކުރީގެ ހުށަހެޅުން ޕީޖީ އޮފީހުން ދިރާސާކޮށް ބެލި އިރު، ގޭންގެއް ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަމަށް ސާބިތުކުރުމަށް ބޭނުންވާ ވަރަށް ތަހުގީގު ފުރިހަމަ ނުވާތީ އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ހުށަހެޅުން ދިވެހި ފުލުހުންގެ ހިދުމަތަށް ވަނީ އަނބުރާ ފޮނުވާލައިފައެވެ.