އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ފަހަތުން އަރައި ތިން ގޯލް ޖަހައިގެން ވެސްޓް ހެމް ބަލިކުރި އިރު، ލިވަޕާލާއި އާސެނަލުންވެސް ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.

ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލުން ރަށުން ބޭރުގައި 4-0 އިން ލީޑްސް ބަލިކޮށް މަގާމު ދެމެހެއްޓި އިރު، ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ބަލިކުރީ 4-1 އިންނެވެ. އަދި ޗެލްސީން އަމިއްލަ ދަނޑުގައި ވެސްޓް ހެމް ކައިރިން މޮޅުވީ 3-2 އިންނެވެ.

އާސެނަލުން ރޭ ހޯދި މޮޅަކީ އެއްވަނަ ދަމަހައްޓަން މުހިއްމު މޮޅެކެވެ. އެޓީމުން ރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ކުޅެފައި އޮތް ތިން މެޗުންވެސް މޮޅުވެވިފައެއް ނުވެއެވެ. އެ ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ފަރަގު ކުޑަވެފައެވެ. އެހެން ނަމަވެސް ހޯދި މޮޅާއެކު އާސެނަލް މިވަގުތު އެއްވަނައިގައި އޮތީ 24 މެޗުން 53 ޕޮއިންޓާއެކުގައެވެ.

މެންޗެސްޓާ ސިޓީ ދެވަނައިގައި 23 މެޗުން 46 ޕޮއިންޓާއެކު އޮތް އިރު، ރޭގެ މޮޅާއެކު ޗެލްސީ ވަނީ 24 މެޗުން 40 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. ލިވަޕޫލް އޮތީ ފަސް ވަނައިގައެވެ. އެއީ 24 މެޗުން 39 ޕޮއިންޓާއެކުގައެވެ.

އާސެނަލުން ހަތް ޕޮއިންޓްގެ ލީޑަކަށް ޖެހިލުމަށް ރޭ ހޯދި މޮޅުގައި، 27 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އެއީ ކޯނަރަކުން ތަވަސްކުރި ފުރުސަތެއްގައި މާޓިން ޒުބިމެންޑީ ޖަހައިދިން ގޯލެކެވެ. އޭގެ 10 ވަރަކަށް މިނެޓް ފަހުން އާސެނަލް ދެވަނަ ގޯލެއްވެސް ޖެހީ ކޯނަރެއްގައެވެ. ނޮނީ މަޑުއޭކޭ ނަގައިދިން ކޯނަރު ބައިކޮޅަށް ވަނީ ލީޑްސްގެ ކީޕަރު ކާލް ޑާލޯ އަތުގައި ޖެހިފައެވެ.

މެޗު ޑޮމިނޭޓް ކުރަމުންދިޔަ އާސެނަލް ދެވަނަ ހާފަށް ނުކުމެ، 69 ވަނަ މިނެޓުގައި ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ގެބްރިއަލް މާޓިނެލީގެ ހުރަހަކުން ވިކްޓޯ ޔޯކެރޭޝްއެވެ. އަދި އޭގެފަހުން އާސެނަލްގެ ފަހު ގޯލް ޖަހައިދިނީ ގެބްރިއަލް ޖެސޫސްއެވެ.

ޗެލްސީން ކުޅުނު މެޗު ތަފާތު ފޯރިގަދަކޮށް ނިމިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފު ނިމުނުއިރު ވެސްޓް ހެމް އޮތީ ދެ ގޯލްގެ ލީޑެއްގައެވެ. އެއީ ޖެރަޑް ބޮވެންއާއި ކްރީސެންސިއޯ ސަމާވިލް ޖަހައިދިން ގޯލްތަކުންނެވެ. ދެވަނަ ހާފަށް ޗެލްސީން ތިން ބަދަލެއް ގެނައެވެ. ބެނޮއިޓް ބަޑިއަޝީލާއި ޖޮރެލް ހަޓޯގެ އިތުރުން އެލެހާންޑްރީ ގާނާޗޯ ބާލާފައިވާ އިރު، ބަދަލަކަށް ނުކުތީ ވެސްލޭ ފޮފާނާއާއި މާކް ކުކުރޭޔާ އަދި ޖުއާއޯ ޕެޑްރޯއެވެ.

ޕެޑްރޯއާއި ކުކުރޭޔާ ގޯލް ޖެހި އިރު، ފޮފާނާ އެސިސްޓެއް ހެދިއެވެ. ޗެލްސީއަށް މެޗު އަނބުރާލަދިނީ އެންޒޯ ފެނާންޑޭޒް ފަހު ވަގުތު ޖެހި ގޯލުންނެވެ. މެޗުގެ ފަހުވަގުތު ވެސްޓް ހެމްގެ ޖެއާން-ކްލަޔާ ޓޮބީޑޯއަށް ރަތެއް ދެއްކިއެވެ. އެއީ ހަމަ ނުޖެހުމެއްގެ ތެރެއިންނެވެ.

އާ ކޯޗު ލިއަން ރޮސެނިއާ ހަވާލުވިފަހުން ޗެލްސީން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފައިވާ އިރު، އެޓީމު ބަލިވީ އާސެނަލް ކައިރިން އެކަންޏެވެ.

ލިވަޕޫލުން ރޭ ކުޅުނު މެޗުގައި އެޓީމުގެ ގޯލްތައް ޖަހައިދިނީ ހޫގޯ އެކެޓީކޭއާއި ފްލޯރިއަން ވާޓްސް އަދި އިބްރާހީމާ ކޮނާޓޭއެވެ. އެކިޓީކޭ ދެ ގޯލް ޖެހި އިރު، އެޓީމުން މޮޅުވީ ފަހަތުން އަރައެވެ. އެއީ ނިއުކާސަލްގެ އެންތަނީ ގޯޑަން ގޯލެއް ޖަހާފައި އޮއްވައެވެ.