ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ބުރުގެ މެޗުތަކުން ށ. ކަނޑިތީމާއި ރ. ދުވާފަރު، ވ. ކެޔޮދުއާއި އއ. މަތިވެރިންވެސް ގަދަ 16 ޔަގީން ކޮށްފިއެވެ.
ޒޯން ބުރުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމިފައިވާ އިރު، ރޭ ވަނީ ތިން ޒޯނެއްގެ ފަހު މެޗުތައް ކުޅެފައެވެ. ޒޯން ދެއަކުން ރޭ ކަނޑިތީމާއި ދުވާފަރު ޒޯން ފައިނަލް ޔަގީންކޮށް، ގަދަ 16 ޔަގީން ކުރި އިރު، ރޭގެ މެޗުތަކަށް ނުކުތް އިރު އެ ޒޯނުން ކަޓާފައި އޮތީ ށ. ފޯކައިދޫ އެކަންޏެވެ.
ދުވާފަރުން ގަދަ 16 ޔަގީންކުރީ 2-1 އިން ނ. މާޅެންދޫ ބަލިކޮށްގެންނެވެ. މުޅިން އަލަށް ޒޯންގައި ވާދަކުރި މާޅެންދޫ ކޮޅަށް ދުވާފަރުގެ ގޯލްތައް ޖެހީ މުހައްމަދު އިސާމް (ޝަންޓެ) އާއި އަބްދުﷲ ލޫތު އިބްރާހީމެވެ. މާޅެންދޫގެ ގޯލް ޖެހީ އަލީ ފާރިޝްއެވެ.
އެ ޒޯނުން ކަނޑިތީމު ގަދަ 16އަށް ދިޔައީ އަނެއްކާވެސް ފޯކައިދޫ ބަލިކޮށްގެންނެވެ. ފޯކައިދޫ ކައިރިން ކަނޑިތީމު މޮޅުވީ 4-2 އިންނެވެ. އެމެޗުގައި ކަނޑިތީމުގެ ގޯލްތައް ޖެހީ މުހައްމަދު ޝާން، ރައުލް ނިޔާޒް، އަހުމަދު ތައުފީގް އަދި ހުސައިން ނިހާލެވެ. ފޯކައިދޫގެ ގޯލްތައް ޖެހީ ހުސައިން ފަޒީލާއި ފަހުދު އަބްދުﷲއެވެ.
ޒޯން ހަތަރެއްގެ ފަހު މެޗުތަކަށް ނުކުތް އިރު، ހަތަރު ޓީމަށްވެސް ގަދަ 16 ގެ ފުރުސަތު އޮތް އިރު، މަތިވެރިން އެއްވަނައާއެކު ޒޯން ފައިނަލަށް ދިޔައީ 3-2 އިން އދ. މަހިބަދޫ ބަލިކޮށްގެންނެވެ. އެމެޗު ފޯރިގަދަކޮށް ފެނުނު އިރު، މަތިވެރިއަށް ތަފާތު ދެއްކީ ދެ ގޯލް ޖެހި އަލީ އަލްސަންއެވެ. އެޓީމުގެ އަނެއް ގޯލް ޖެހީ މުހައްމަދު މިދުހަތެވެ.
މަހިބަދޫގެ ދެ ގޯލްވެސް ޖެހީ ޝައުދު ސައީދެވެ.
މަތިވެރިއާ ޒޯން ފައިނަލުގައި ވާދަކުރާނީ ވ. ކެޔޮދުއެވެ. އެޓީމުން ރޭ ވަނީ އދ. އޮމަދޫ ކައިރިން 4-2 އިން މޮޅުވެފައެވެ. ކެޔޮދޫގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު ރަޝީދު (އަންމަޑޭ) ވަނީ މެޗުގައި ދެ ގޯލް ޖަހައިދީފައެވެ. އަނެއް ގޯލްތައް ޖަހައިދިނީ އަރީން އަބްދުﷲ އިބްރާހީމާއި އަޒްޔާން އާދަމް ރަޝީދެވެ. އޮމަދޫގެ ގޯލްތައް ޖެހީ މާއިން ނަސީރާއި އަހުމަދު ރިމާހެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިރޭ އޮންނަ މެޗުތައް
20:00 ގާފަރު - އޭދަފުށި (ޒޯން 3 ފައިނަލް)
20:00 ކުޑަހުވަދޫ - ދިއްގަރު (ޒޯން 5 ފައިނަލް)
22:00 ވިލިމާލެ - މައްޗަންގޮޅި (ޒޯން 8 ފައިނަލް)
22:00 ތިމަރަފުށި - އިސްދޫ (ޒޯން 6 ފައިނަލް)
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް