މަސްތުވާތައެއްޗެހި ޓްރެފިކް ކުރި މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރުގެ މުއްދަތަށް ޖަަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމްކޮށްފައިވަނީ ސ. ހިތަދޫ، ހެޕީ ފިއުޗާ، މުހައްމަދު ސުއައިދު އަހްމަދުގެ މައްޗަށެވެ.

މި މައްސަލައިގައި ދައުލަތުން ދެ ދައުވާއެއް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

އެއީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް މި ދެ ދައުވާކުރީ، ހ. ލުމެން ގޭގެ ތިންވަނަ ފްލޯގެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ކައުންޓާ ނާކޮޓިކްްސް އިންޓެލިޖެންސް އިން ފުލުހުންނަށް ހިއްސާ ކުރުމާ ގުޅިގެން، ހުޅުމާލެ ފިތުރޯނު މަގުގައި ހުންނަ ރަށު މާރުކޭޓް ކައިރީގައި އޭނާ ހުއްޓައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ލައިގެންހުރި އަންނައުނު ބަލައި ފާސްކުރުމަށްފަހު، އެ ގެއަށް ގެންގޮސް ކޯޓު އަމުރުގެ ދަށުން އެ އެޕާޓްމަންޓް ބަަލައި ފާސްކުރިއިރު، އެތަނުން ކޮކެއިން އާއި މެފެޑްރޯން ފެނިފައިވާތީއެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށްދިޔަ ފުރަތަމަ ކޮޅުގައި އެ ދައުވާތަކަށް އިންކާރުކުރި ނަމަވެސް، ފަހުން ޕްރޮސިކިއުޓާ ޖެނެރަލްއާއެކު މުހައްމަދު ސުއައިދު އަހްމަދު އިއުތިރާފްގެ އެއްބަސްވުމެއް ހެދިއެވެ.

އޭގެ ދަށުން ކޮންމެ ދައުވާއަކަށް 50،000 ރުފިޔާގެ ޖޫރިމަނާއާއެކު، 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް މުހައްމަދު ސުއައިދު އަހްމަދު ޖަލަށްލާން ހުކުމްކޮށް 12 މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން އޭނާގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.