ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ޒޯން ބުރުގައި ހއ. މާރަންދުއާއި ވ. ކެޔޮދޫގެ އިތުރުން ނ. މާޅެންދޫން މުހިއްމު މޮޅުތަކެއް ހޯދި އިރު، ދެވަނަ މޮޅަކާއެކު ރ. ދުވާފަރުން ފޯމު ޒޯން ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
އިއްޔެ ހަވީރު ޒޯން އެކެއްގެ ދެމެޗު ކުޅެފައިވާ އިރު، އެ ޒޯނުގައި ވާދަކުރަނީ ހަތަރު ޓީމުންނެވެ. ރަނގަޅު ފޯމެއްގައި އޮތް ހއ. ނައިވާދޫން އިއްޔެ ނުކުތީ ހދ. ނޮޅިވަރަންފަރާ ދެކޮޅަށެވެ. އެމެޗަށް ނައިވާދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހުމަދު ހަމީދު (އަންމަޑޭ) އަދި ކީޕަރު އިބްރާހިމް ނާޖިހު (ހޭޓް) ވަނީ ޓީމާ ގުޅިފައެވެ. އެ ތިން ކުޅުންތެރިންނަކީވެސް ރާއްޖޭން ސާފް ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ދެ ކުޅުންތެރިންނެވެ.
ނައިވާދޫން ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައި އޮވެގެން އިއްޔެގެ މެޗަށް ނުކުތް އިރު، އިއްޔެ އެއްވަރުވީ 1-1 އިންނެވެ. އެމެޗުގައި ނައިވާދޫން ޖެހި ގޯލަކީ އަހުމަދު ސިޒާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ނޮޅިވަރަންފަރުގެ ގޯލް ޖެހީ އަކްރަމް އަބްދުލް ރަޝީދެވެ.
ދެޓީމަށްވެސް އަދި ބާކީ މެޗެއް އޮތް އިރު، ދެ ޕޮއިންޓާއެކު ނޮޅިވަރަންފަރަށްވެސް ފުރުސަތު އެބައޮތެވެ. އެޓީމުން ދެން ކުޅެން ޖެހޭނީ ކަޓާފައި އޮތް ހއ. ކެލަޔާ ދެކޮޅަށެވެ. ނައިވާދޫން ދެން ނުކުންނާނީ މާރަންދުއާ ދެކޮޅަށެވެ. މާރަންދޫން އިއްޔެ ކުޅުނު މެޗުގައި 1-0 އިން ކެލާ ބަލިކޮށް، އެޓީމުން ވަނީ ދެމެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ.
އިއްޔެގެ މެޗުގައި މާރަންދުއަށް ގޯލް ޖަހައިދިނީ ސަމްހާން އަބްދުލް ރަހުމާނެވެ.
ޒޯން ހަތަރެއްގައި ހަތަރު ޓީމު ހިމެނޭ އިރު، މަތިވެރި އެއްވަނައިގައި އޮތީ ދެމެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. އެޓީމުން އިއްޔެ އދ. އޮމަދުއާ އެއްވަރުވީ 0-0 އިންނެވެ. އޮމަދުއަށް ދެމެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް ދެން ބާކީ އޮތީ ވ. ކެޔޮދުއާ ދެކޮޅަށް ކުޅޭ މެޗެވެ. އެމެޗުން މޮޅުވެ، އޮމަދުއަށް ޒޯން ފައިނަލް ހޯދޭނެއެވެ.
ކެޔޮދޫން ދެމެޗުން ތިން ޕޮއިންޓާއެކު ދެވަނައަށް ޖެހިލީ އިއްޔެ މަހިބަދޫ ބަލިކޮށްގެންނެވެ. އެމެޗު ކެޔޮދޫން 3-2 އިން ކާމިޔާބުކުރީ އަހުމަދު ރަޝީދު (އަންމަޑޭ) އާއި އަރީން އަބްދުﷲ އިބްރާހީމް ޖެހި ގޯލްތަކުންނެވެ. އަންމަޑޭ މެޗުގައި ދެ ގޯލް ޖެހިއެވެ. މަހިބަދޫގެ ގޯލްތައް ޖެހީ އިސްމާއީލް ނަޒީރާއި އިބްރާހީމް އުސާމާ ހަސަން މަޖީދެވެ.
ޒޯން ދޭއްގައި މާޅެންދޫން އުންމީދު ހޯދީ ރޭ ށ. ފޯކައިދޫ ކައިރިން 5-1 އިން މޮޅުވެގެންނެވެ. އެ މޮޅާއެކު އެޓީމަށް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ދެން އޮތް މެޗަށް އަމިއްލަ ބާރު އެބައޮތެވެ. އެ ޒޯނުގައިވެސް ހަތަރު ޓީމު ހިމެނޭ އިރު، މާޅެންދޫ އޮތީ ތިންވަނައިގައެވެ. ބައްޔާއެކު ފޯކައިދޫ ކަޓާފައިވާ އިރު، ދެވަނައިގައި އޮތް ކަނޑިތީމަށްވެސް ދެމެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
އެއްވަނައިގައި އޮތް ދުވާފަރަށް ދެމެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ކަޓާނީ ކޮޅަށް ގިނަ ގޯލްތަކެއް ވަދެގެން އެކަންޏެވެ. މާޅެންދޫން ދެން ނުކުންނާނީ ދުވާފަރާ ދެކޮޅަށެވެ. ކަނޑިތީމުން ފަހު މެޗުގައި ނުކުންނާނީ ފޯކައިދުއާ ދެކޮޅަށެވެ. ދުވާފަރަށް ޕޮއިންޓަކުންވެސް ފައިނަލް ޔަގީންވާނެއެވެ.
މާޅެންދޫން ފޯކައިދޫ ކޮޅަށް ރޭ ގޯލްތައް ޖެހީ މުހައްމަދު ފަރުހާނާއި އަލީ ފާރިޝް، އިބްރާހީމް ޒަޔާން އަދި އަފީފް އީސާއެވެ. ފަރުހާން މެޗުގައި ދެ ގޯލް ޖެހި އިރު، ފޯކައިދޫގެ ހަމައެކަނި ގޯލް ޖެހީ އަބްދުﷲ ރުޝްދާނެވެ.
ދުވާފަރުން ރޭ ކަނޑިތީމު ބަލިކުރީ 2-0 އިންނެވެ. އެމެޗުގައި ދުވާފަރުގެ ގޯލްތައް ޖެހީ އިބްރާހީމް އަނާން އަލީއާއި މުހައްމަދު އިޝާމް (ޝަންޓެ) އެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިރޭ އޮންނަ މެޗުތައް
20:00 ހުޅުމާލެ - މައްޗަންގޮޅި (ޒޯން 8)
20:00 މާފަންނު - ވިލިމާލެ (ޒޯން 8)
21:00 ތ. ތިމަރަފުށި - ލ. އިސްދޫ (ޒޯން 6)
21:00 ލ. ގަން - ތ. ކިނބިދޫ (ޒޯން 6)
22:00 ކ. މާފުށި - ޅ. ކުރެންދޫ (ޒޯން 3)
22:00 ބ. އޭދަފުށި - ކ. ގާފަރު (ޒޯން 3)
23:00 ދ. ކުޑަހުވަދޫ - ފ. މަގޫދޫ (ޒޯން 5)
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް