މާފަންނު ސްޓޭޑިއަމް ސަރަހައްދަށް އިންގިލާބީ ބަދަލެއް ގެނެސް، ފުޓްބޯލް އެރީނާއަކާއެކު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބޮޑު އޮފީސް އިމާރާތެއް ހަދަން ފީފާއިން ދިން ފަންޑުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ވިޔަފާރިތަކަށް ގުދަންތައް ހަދަން ދީފައިވާ ދިނުމާއެކު އެ ސަރަހައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ މުދާ ނަގަން އިތުރު ހަތް ދުވަސް ދޭން ނިންމައިފިއެވެ.
އެ ސަރަހައްދުގައި ވިޔަފާރިތަކަށް ގުދަންތައް ހަދަން ދީފައިވާ ދިނުމަށް އަމަލު ނުކުރަން އެފްއޭއެމްއިން ނިންމާފައި ވަނީ މިދިޔަ ޖެނުއަރީ މަސް ތެރޭގައެވެ. އެފަހަރު އެފްއޭއެމްއިން ބުނީ އެ ސަރަހައްދުގައި ޓާފް ބޮޑު ދެ ދަނޑު އަޅަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މުޅި ސަރަހައްދު ސާފުކުރަން ނިންމައި، އެފްއޭއެމްއިން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް 14 ދުވަހުގެ މުއްދަތެއް ދީފައެވެ.
އެފްއޭއެމް އެކްސްކޯގެ ނިންމުމަކާއެކު މިއަދު ކުރި އިއުލާނުގައި ބުނީ އަދިވެސް އެ ސަރަހައްދު ހުސްކޮށްފައި ނުވާ ކަމަށާއި، އެކަން ކުރުމަށް ފެބްރުއަރީ ހަތްވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ. އަދި އެ ތާރީހަށްފަހު އެ ސަރަހައްދުގައި އަމިއްލަ މީހެއްގެ މުދާ ނުވަތަ ވަގުތީ އިމަރާތެއް ހުރި ނަމަވެސް، އެފްއޭއެމްއިން ނަގާނެ ކަމަށެވެ. އަދި ނެގުމުގައި އުޅަނދަކަށް ނުވަތަ މުދަލަކަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށްވެސް އަންގާފައިވެއެވެ.
އެފްއޭއެމްއިން ކުރިން ބުނެފައި ވަނީ 50 އަހަރުގެ މުއްދަތަކަށް ފީފާ ފޯވާޑްސް ޕްރޮޖެކްޓްސް ހިންގުމަށް ހާއްސަކޮށް، ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްއަށް ދޫކޮށްފައިވާ މާފަންނު ސްޓޭޑިއަމް ބިމުގައި އުސޫލުން ބޭރުން ހަދާފައިވާ ގުދަންތަކުގެ އެއްބަސްވުންތަކަށް އަމަލުނުކުރަން ނިންމާފައިވާ ކަމަށެވެ.
އެފްއޭއެމްއިން މިއަދު ވަނީ އެތަނުގައި އަޅާ ބޮޑު ދެ ދަނޑުގެ ކުރެހުންވެސް މީޑީއާތަކާ ހިއްސާ ކޮށްފައެވެ.
ގުދަން ބަރިއަކީ ބޮޑު އޮޅުވާލުމެއް
މާފަންނު ސްޓޭޑިއަމްއިން ހިލާލީ މަގަށް ވާގޮތަށް ފެންނަން ހުރި ގުދަން ބަރިއަކީ ބޮޑު އޮޅުވައިލުމެކެވެ. ދެބުރިއަށް ހަދާފައިވާ އެ އިމާރާތުގެ ތިރީ ބަރި އެއްކޮށް ކަހަލަ ގޮތަކަށް ގުދަން ހަދަން ވިޔަފާރިތަކަށް ކުއްޔަށް ދީފައިވާ އިރު، އޭގެ އަނެއް ފަރާތުން ދަނޑުތައް އޮތްތަންވެސް އޮތީ ވީރާނާވެ، ޕާކިން ޒޯނަކަށް ބަދަލުވެފައެވެ. އެ ވީރާނާ ވެފައިވާ ސަރަހައްދާއި ގުދަން ބަރިއަކީވެސް ފީފާއިން ފަންޑު ކޮށްފައިވާ ބޮޑު ޕްރޮޖެކްޓެކެވެ.
ފީފާގެ ފޯވަޑް ޕްރޮގްރާމުގެ ދަށުން، މާފަންނު ސްޓޭޑިއަމްގައި ޓާފް ދަނޑު ތަރައްގީކޮށް، އެފްއޭއެމްގެ މަލަމަތި ބަދަލުކޮށްލާނެ އޮފީސް އިމާރާތެއް ހަދަން 1.48 މިލިއަން ޑޮލަރު ހަމަޖެއްސީ 2018 ވަނަ އަހަރުއެވެ. 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު، އެ މަސައްކަތް ޓިބާރޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ 1.55 މިލިއަން ޑޮލަރަށެވެ. އެއީ ބާކީ ފައިސާ އެފްއޭއެމްއިން ދޭ ގޮތަށެވެ.
މާފަންނު ސްޓޭޑިއަމް ޕްރޮޖެކްޓްގައި އެފްއޭއެމުން ފައިސާ ދިން ހަމައެކަނި ކުންފުންޏަކީ ޓިބާރޯއެވެ. 28 ޖެނުއަރީ 2021 ގައި އެފްއޭއެމުން މާފަންނު ޕްރޮޖެކްޓްގެ 444،000 ޑޮލަރު ޓިބާރޯއަށް ސިންގަލް ޕޭމަންޓަކުން ޖަމާކުރިކަމަށް ފީފާއިން ބުނެފައިވެއެވެ. އެހިސާބުން ޓިބާރޯއަށް މަސައްކަތް ނުކުރެވި، 31 މާޗު 2020 ގައި މާފަންނު ޕްރޮޖެކްޓް، އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށް ސަބް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރިއެވެ.
މާފަންނު ސްޓޭޑިއަމް ޕްރޮޖެކްޓަށް ޓިބާރޯއަށް ދެއްކި ފައިސާގެ އިތުރުން، އެ އިމާރާތުގައި މިހާރު ހުރި ތަން ހެދި އެޕޯލޯއަށް އެފްއޭއެމުން އެއްވެސް ފައިސާއެއް ނުދައްކާ ކަމަށް ފީފާގެ ފޮރެންސިކް އިންވެސްޓިގޭޝަނުން، އޭރުގެ އެފްއޭއެމް ރައީސް ބައްސާމް އަދީލާ ދެކޮޅަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް، (ކާސް)އަށް ހުށަހަޅައިފައިވާ ހެކީގައިވެއެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް