ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ، ޗެމްޕިއަންކަން ޔަގީން ކޮށްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅުނު މެޗުގައި 2-2 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުވެއްޖެއެވެ.

ގައުމީ ދަނޑުގައި ރޭ ކުޅުނު މެޗަށް ނުކުތްއިރުވެސް މާޒިޔާއަށް އޮތީ ޖެހިޖެހިގެން ފަސްވަނަ ލީގު ތަށި ޔަގީންވެފައެވެ. އެއީ އިއްޔެ ހަވީރު ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ބުރު ސްޕޯޓްސް ކްލަބާ އެއްވަރުވުމުންނެވެ. މާޒިޔާއަށް އަދި ބާކީ މެޗެއް އޮތް އިރު، އެޓީމުން ވަނީ މިހާތަނަށް ކުޅުނު 17 މެޗުން 45 ޕޮއިންޓް ހޯދައިފައެވެ. މާޒިޔާ އަދި މި ސީޒަނުގައި ބަލިވެފައެއް ނުވެއެވެ.

ނިއު ރޭޑިއަންޓުން ރޭ ހޯދި ޕޮއިންޓާއެކު ތިންވަނައިގައި އޮތީ 17 މެޗުން 34 ޕޮއިންޓާއެކުގައެވެ.

ފޯރިގަދަކޮށް ފެނުނު މެޗުގެ ހުރިހާ ގޯލެއްވެސް ފެނުނީ ދެވަނަ ހާފުގައެވެ. ހާފު ފެށުނުތަކާ ދެމިނެޓެއްހާއިރު ފަހުން މާޒިޔާއިން ލީޑު ނެގީ ހަސަން ނަޒީމް (ޗޯޓު) ޖެހި ގޯލަކުންނެވެ. އޭގެފަހުން ސަމޫހު އަލީ މާޒިޔާގެ ލީޑު ފުޅާކުރި އިރު، އެ ގޯލަށް ތިން މިނެޓް ވީތަނާ ނިއުއިން އަނބުރާ މެޗު ތެރެއަށް ވަނެއެވެ. އެއީ އަލްހާޖީ ގެރޯ ޖެހި ގޯލުންނެވެ.

މާޒިޔާއިން މޮޅުވާން ދަނިކޮށް، ނިއު ރޭޑިއަންޓަށް މެޗު އެއްވަރުކޮށްދިނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭނާ ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ.