ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ބުރުގެ ޒޯން 8 (މާލެ ޒޯން) ގައި މާފަންނާއި ވިލިމާލެއިން އުންމީދީ މޮޅުތަކެއް ހޯދި އިރު، ދ. ކުޑަހުވަދޫން މޮޅަކާއެކު ޒޯން ބުރު ފަށައިފިއެވެ.
މޭލެ ޒޯންގައި ހަތަރު ޓީމަކުން ވާދަކުރަމުންދާ އިރު، ރޭގެ މެޗުތަކަށް ނުކުތް އިރު، މައްޗަންގޮޅިއާއި ހުޅުމާލެ އޮތީ ކުރީ މެޗުތަކުން މޮޅު ހޯދާފައެވެ. ރޭ ވިލިމާލެއިން ފުރަތަމަ މޮޅު ހޯދީ 2-0 އިން ހުޅުމާލެ ބަލިކޮށްގެންނެވެ. ވިލިމާލެއިން ރޭގެ މެޗަށް ނުކުތީ ގައުމީ ޓީމުގައި ހިމެނުނު އަލީ ޝިޔާހް (ޝިޔާ) އާއެކުގައެވެ.
މެޗުގައި ވިލިމާލޭގެ ގޯލްތައް ޖެހީ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އާއި އިސްމާއީލް ވަޖީހު (ވައްޖެ) އެވެ.
މާފަންނުން ރޭ އެޓީމުގެ ފުރަތަމަ މޮޅު ހޯދީ މައްޗަންގޮޅި ކައިރިން 3-1 އިން މޮޅުވެގެންނެވެ. އެމެޗަށް މާފަންނުންވެސް ނުކުތީ ގައުމީ ޓީމުގައި ހިމެނުނު ހުސައިން ސުހައިލް (ސޮކޭ) އާއެކުގައެވެ. ސޮކޭ މެޗުގައި ގޯލް ޖެހި އިރު، ދެން އެޓީމުގެ ގޯލްތައް ޖެހީ މުހައްމަދު ޔަފާއު (ޔާ) އެވެ. މައްޗަންގޮޅީގެ ގޯލް ޖެހީ އަހުމަދު ހުސައިންނެވެ.
ޒޯން ފަހެއްގައި ތިން ޓީމުން ވާދަކުރަމުންދާ އިރު، ރޭ ކުޑަހުވަދޫން ދިއްގަރު ބަލިކުރީ 4-2 އިންނެވެ. ދެން އެ ޒޯންގައި ހިމެނެނީ ފ. މަގޫދުއެވެ. މަގޫދުއަށް ގަދަ 16 އަށް ދާން އެ ޒޯންގެ ފަހު މެޗުގައި ކުޑަހުވަދޫ ބަލިކުރަން ޖެހޭނެއެވެ. އެއީ ދިއްގަރު ކައިރިން ބަލިވެފައި އޮތުމުންނެވެ.
ކުޑަހުވަދޫގެ ގޯލްތައް ރޭ ޖަހައިދިނީ މުހައްމަދު އަރީޝް، ހާރޫން އިބްރާހީމް (ހާންޑޯ)، ޖުމައިލް ޖަމީލް (ޖުމްބެ)ގެ އިތުރުން ޝައުކަތު އަމީނެވެ. ދިއްގަރުން ގޯލްތައް ޖެހީ އިސްމާއީލް ޒަޔާން ސުލައިމާނާއި އިސްމާއީލް ވާއިލެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިއަދާއި މިރޭ ހަވީރު އޮންނަ ޒޯން ބުރުގެ މެޗުތައް
16:00 ހދ. ނޮޅިވަރަންފަރު - ހދ. ނައިވާދޫ (ޒޯން 1)
16:00 ހއ. ކެލާ - ހއ. މާރަންދޫ (ޒޯން 1)
17:00 އއ. މަތިވެރި - އދ. އޮމަދޫ (ޒޯން 4)
17:00 އދ. މަހިބަދޫ - ވ. ކެޔޮދޫ (ޒޯން 4)
20:00 ނ. މާޅެންދޫ - ށ. ފޯކައިދޫ (ޒޯން 2)
20:00 ރ. ދުވާފަރު - ށ. ކަނޑިތީމު (ޒޯން 2)
22:00 ގދ. ވާދޫ - ޏ. ދަޑިމަގު (ޒޯން 7)
22:00 ގދ. ކަނޑުހުޅުދޫ - ސ. ހިތަދޫ (ޒޯން 7)
23:00 ސ. މަރަދޫ - ގދ. ހޯޑެއްދޫ (ޒޯން 7)
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް