އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތަށް 10 ދުވަސް އިތުރު ކޮށްދޭން އިދިކޮޅު އެމްޑީޕީން އެދިއްޖެއެވެ.
ކައުންސިލް އިންތިހާބާ ބެހޭގޮތުން އެމްޑީޕީން ބޭއްވި ނިއުސްކޮންފަރެންސްގައި، އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަހީދު ވިދާޅުވީ، 10 ދުވަހުގެ މުއްދަތު އިތުރުކޮށްދޭން އެދުނީ، އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާ ކުރު މުއްދަތުގައި ކެނޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފު ކުރުން ލަސްވަމުންދާތީ ކަމަށެވެ.
އޭނާ ވިދާޅުވީ، އިންތިހާބަށް ކުރިމަތިލާން އިލެކްޝަން ކޮމިޝަނުން ހުޅުވާލި އިރު، ކަމާބެހޭ އެހެން އިދާރާތަކުން އެކަމަށް ތައްޔާރުވެފައިނުވާ ކަމަށެވެ.
އެކަމުގެ ސަބަބުން ދައުލަތުގެ އިދާރާތަކުން ރެކޯޑް ސާފް ކުރުމާއި އެހެނިހެން ކަންކަން ފުރިހަމަ ކުރުމަށް އެތައް ދުވަހެއް ހޭދަވާ ކަމަށާއި އެކަމުގެ ސަބަބުން އިންތިހާބަށް ކުރިމަތިލާ ފޯމު ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ދީފައިވަނީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ ފުރުސަތު ހުޅުވާފައި އޮތީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ މެންދުރުފަހު 3:30 އާ ހަމައަށެވެ.
އަބްދުﷲ ވަހީދު ވިދާޅުވީ ކުށުގެ ރެކޯޑް ސާފުކުރުމުގައި ހާއްސަކޮށް، ކަރެކްޝަނަލް ސާވިސް އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިހާއަށް ލަސްވަމުންދާ ކަމަށެވެ.
އެއިން ކޮންމެ ތަނަކަށް ފޯމް ހުށަހަޅައިގެން، ކުށުގެ ރެކޯޑް ސާފުކުރަން ތިން ދުވަސް ނޫނީ ފަސް ދުވަސް ހޭދަވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އިންތިހާބަށް ކުރިމަތިލާން ވެސް 16 ވަރަކަށް ދުވަސް ލިބިފައިވާ އިރު، ކުށުގެ ރެކޯޑް ސާފުކުރަން އެހާ ގިނަ ދުވަސް ނެގުމަކީ ވަރަށް ބޮޑަށް ދަތިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ވަހީދު ވިދާޅުވީ ހަމައެކަނި އޮންލައިންކޮށް އިންތިހާބަށް ކުރިމަތިލެވޭ ގޮތަށް އޮތުމަކީ އިންތިހާބީ ހައްގަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށެވެ. އެހެންކަމުން އިންތިހާބަށް ކުރިމަތިލާން އިތުރު 10 ދުވަހުގެ މުއްދަތެއް އިލެކްޝަން ކޮމިޝަނުން ނުދީފިނަމަ ޖެހޭނީ އެ ހައްގު އެހެން ގޮތަކުން ހޯދަން ކަމަށްވެސް ވިދާޅުވިއެވެ.
ވަހީދު ތުހުމަތު ކުރެއްވި ގޮތުގައި ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ފަހިވާ ގޮތަށް ކަމަށެވެ. އެއީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ޖާގަ ނުދިނުން ކަމަށާއި އިލެކްޝަން ކޮމިޝަންގެ ޑާޓާއަށް ޕީއެންސީން އެކްސެސްވާ ކަމަށް ވެސް ވަހީދު ތުހުމަތު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ބޭނުން ވަނީ ފުރިހަމަ ތައްޔާރީތަކާ އެކު އިންސާފުވެރި އިންތިހާބެއް އޮތުން ކަމަށެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް