އެމެރިކާއިން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފިނަމަ، ހޮރުމުޒް ކަނޑުއޮޅީގެ އަޑިން އަޅާފައިވާ މުވާސަލާތީ ކޭބަލްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ދީފިއެވެ.
އައިއާރްޖީސީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ހުސައިން މުހިއްބީ އިއްޔެ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިންޓަނެޓާއި ވިޔަފާރީގެ ޑޭޓާ ބިނާވެފައިވާ މައިގަނޑު ހަތް ކޭބަލެއް ހޮރުމުޒް ކަނޑުއޮޅީގެ އަޑިން ގޮސްފައިވެއެވެ.
“ދުޝްމަނުންނަށް އެނގުމަށްޓަކައި މިކަން އަޅުގަނޑުމެން ހަނދާންކޮށްދެން،” މުހިއްބީ ވިދާޅުވި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، މުހިއްބީ ވަނީ މީސްމީޑިއާގައި މިސައިލެއްގެ ކުރެހުމަކާ އެކު “ދެން ވާނެ ގޮތް ދުނިޔެއަށް ފެންނާނެ” ކަމަށް ލިޔުއްވައި އިންޒާރުގެ މެސެޖެއް އާންމުކުރައްވައިފައެވެ.
އެމެރިކާއިން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފިނަމަ، އޭގެ ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ގެއްލުންދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުހިއްބީ އައިއާރްޖީސީގެ ތަރުޖަމާނު ކަމާ ހަވާލުވެވަޑައިގަތީ މިއަހަރުގެ ކުރީކޮޅުގައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރިޒާއީ ވެސް ވަނީ، ހަނގުރާމައެއް ފެށިއްޖެނަމަ މެދުއިރުމަތީގައިވާ ދެ ޓްރިލިއަން ޑޮލަރުގެ އަގުހުރި އިންޓަނެޓް ކޭބަލްތަކާއި ޑޭޓާ ސެންޓަރުތަކުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދާދި ފަހުން ދެއްވައިފައެވެ.
އައިއާރްޖީސީން ބުނެފައިވާ ގޮތުގައި، އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމަށް އީރާނުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް