އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލް ކައިރިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދި އިރު، ޗެލްސީން އާކޯޗާއެކު ދަމަހައްޓަމުން އަންނަ މޮޅުވުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.
ޔުނައިޓެޑުން ރޭ އާސެނަލް ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކުރީ 3-2 އިންނެވެ. އެ މޮޅަކީ ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުރި މައިކަލް ކެރިކަށް މުހިއްމު މޮޅެކެވެ. މިދިޔަ ހަފުތާގައި ޔުނައިޓެޑުން ވަނީ ތާވަލުގެ ދެވަނައިގައި އޮތް އެކްލަބުގެ ޒަމާންވީ ވާދަވެރިއާ މެންޗެސްޓާ ސިޓީ ކައިރިންވެސް މޮޅުވެފައެވެ.
ކެރިކް ހަވާލުވިފަހުން ގަދަ ދެބާރު ބަލިކޮށް ޔުނައިޓެޑުން ތަފާތު ދައްކާފައިވާ އިރު، ރޭގެ މޮޅާއެކު އެޓީމު އޮތީ ހަތަރު ވަނައިގައެވެ. އެއީ 23 މެޗުން 38 ޕޮއިންޓާއެކުގައެވެ. ރޭ މާޔޫސްކަން ކުރިމަތިވީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލަށެވެ. ރޭގެ މެޗުން މޮޅުވެ، އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނެގުމަށް އާސެނަލަށް ފުރުސަތު އޮތް ނަމަވެސް، މިހާރު ވަނީ ސިޓީއާ އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަވެފައެވެ.
މެޗުގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ 29 ވަނަ މިނެޓުގައެވެ. އެ ގޯލް ޖެހީ އާސެނަލުންނެވެ. މާޓެން އޮޑެގާޑް ފޮނުވާލި ހަމަލާ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ލިސާންޑްރޯ މާޓިނޭޒް ފައިގައި ޖެހި ބޯޅަ ވަނީ އަމިއްލަ ގޯލްގެ ތެރެއަށެވެ.
އެ ގޯލުން ލީޑު ނެގި ނަމަވެސް، އާސެނަލް ފެނުނީ އަމިއްލަ ގޯސްތައް ގިނަކޮށެވެ. މެޗުގެ 37 ވަނަ މިނެޓުގައި ޔުނައިޓެޑުން އެއްވަރުކުރީ އާސެނަލްގެ މާޓިން ޒުބިމެންޑީ އަތުން ގެއްލުނު ބޯޅައެއްގައެވެ. ޒުބިމެންޑީ އަތުން ގެއްލުނު ބޯޅައިގައި ބްރަޔަން އެމްބުއޭމާ ވަނީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ކައިރިން ނައްޓާލާފައި ބޯޅަ ގޯލަށް ވައްދާލައިފައެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ޕެޓްރިކް ޑޯގޫ ވަނީ ޔުނައިޓެޑަށް މެޗުގެ ލީޑުވެސް ހޯދައިދީފައެވެ. ބްރޫނޯ ފެނާންޑޭޒްއާއެކު ރަނގަޅު ޕާހެއް ޖަހައި ޑޯގޫ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ގޯލްގެ ދަނޑީގައި ޖައްސާފައެވެ. އޭގެފަހުން އާސެނަލުން ހަތަރު ބަދަލެއް ކޮށްފައިވާ އިރު، އެޓީމުން ނުރައްކާ ކުރިއެވެ.
ބުކަޔޯ ސަކާގެ ނުރައްކާތެރި ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ސެނޭ ލަމެންސް މަތަކުރި އިރު، އާސެނަލް އެއްވަރުކުރީ 84 ވަނަ މިނެޓުގައެވެ. އެ ގޯލާއެކު މެޗު އެއްވަރުވި ނަމަވެސް، މަތެއަސް ކުންޏާ ފަހުވަގުތު ޖެހި ހިތްގައިމު ގޯލުން ޔުނައިޓެޑް މޮޅުވިއެވެ.
ޗެލްސީން ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް ބަލިކުރީ 3-1 އިންނެވެ. އާ ކޯޗު ލިއަން ރޮސެނިއާއާއެކު ޗެލްސީން ފޯމު ދަމަހައްޓަމުން އަންނަ އިރު، އެމޮޅާއެކު ފަސްވަނައިގައި އޮތީ 23 މެޗުން 37 ޕޮއިންޓާއެކުއެވެ. ހަތަރު ވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު ފަރަގަކީ އެއް ޕޮއިންޓެވެ.
ޗެލްސީން މެޗުގެ ކުރީކޮޅުގައި ގޯލް ޖެހި އިރު، 34 ވަނަ މިނެޓުގައި ފުރަތަމަ ގޯލް ޖަހައިދިނީ ބްރެޒިލް ތަރި ވިލިއަމް އެސްޓެވާއޯއެވެ. އޭގެފަހުން ދެވަނަ ހާފުގައި އެސްޓެވާއޯގެ ބޯޅައަކުން ޖުއާއޯ ޕެޑްރޯ ޗެލްސީއަށް ލީޑު ފުޅާކޮށްދިން އިރު، ޗެލްސީގެ ހަތަރު ވަނަ ގޯލަކީ ޕެނަލްޓީއަކުން އެންޒޯ ފެނާންޑޭޒް ޖެހި ގޯލެކެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ޕެލެސްގެ އެޑަމް ވާޓޮންއަށް ރަތެއް ދެއްކުމާއެކު އެޓީމުން ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް، ފަހުވަގު ގޯލެއް ޖެހިއެވެ. އެ ގޯލް ޖެހީ ކްރިސް ރިޗާޑްސްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު