ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ހަތެއްގައި ގއ. ކަނޑުުހުޅުދޫން ފުރަތަމަ މޮޅެއް ހޯދި އިރު، އެ ޒޯނުގައި އައްޑޫ މަރަދޫން ކުޅުނު މެޗުން ވެސް މޮޅުވެއްޖެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ މެޗުތައް ފަށައިގެން ކުރިއަށްދާ އިރު، އިއްޔެ ހަވީރު ވަނީ ޒޯން ހަތެއްގެ ތިން މެޗާއި ޒޯން ފަހެއްގެ މެޗެއް ކުޅެފައެވެ. ޒޯން ހަތެއްގެ ގްރޫޕް ބީގައި ތިން ޓީމު ހިމެނޭ އިރު، އެ ޒޯނުގައި އިއްޔެ ހަވީރު ކުޅުނީ ގއ. ދެއްވަދޫ އާއި މަރަދޫ ވާދަކުރި މެޗެވެ. އެމެޗަށް ދެއްވަދޫން ނުކުތީ ގދ. ހޯޑެއްދޫ ކައިރިން މޮޅެއް ހޯދާފައި އޮވެގެންނެވެ.

މަރަދޫން އިއްޔެގެ މެޗު ކާމިޔާބުކުރީ 3-2 އިންނެވެ. އެ ގްރޫޕުން ޒޯން ސެމީ ފައިނަލަށް ދާ ޓީމުތައް ޔަގީންވާނީ މަރަދޫ އާއި ހޯޑެއްދޫ ވާދަކުރާ މެޗުންނެވެ. މަރަދޫގެ މުހައްމަދު ޝަހާއު އަލީ އިއްޔެގެ މެޗުގައި ދެ ގޯލް ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ ހުސައިން އައިކްއެވެ. ދެއްވަދޫން މެޗުގައި ގޯލްތައް ޖެހީ ޝިފާޒް އާދިލް އާއި ވިޝާހް އަބްދުލް މަޖީދެވެ.

އެ ޒޯންގެ ގްރޫޕް އޭގެ ފޯރިވެސް ގަދަވެގެން ގޮސްފައިވާ އިރު، ކަނޑުހުޅުދޫން ފުރަތަމަ މޮޅެއް ހޯދީ އިއްޔެ ދަޑިމަގު ކައިރިން 3-1 އިން މޮޮޅުވެގެންނެވެ. ކަނޑުހުޅުދޫގެ ގޯލްތައް ޖެހީ އަހްނަފް ޒާހިރާއި އަލީ އަޒްވާން އަބްދުލް އަޒީޒެވެ. އަހްނަފް މެޗުގައި ދެ ގޯލް ޖެހިއެވެ. ދަނޑިމަގުގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު ސާދު ނިޒާރެވެ.

އެ ގްރޫޕުގައި އިއްޔެ ގދ. ވާދޫ އާއި އައްޑޫ ހިތަދޫގެ ކުރިމަތިލުން 2-2 އިން އެއްވަރުވުމުން ދަނޑިމަގު ކެޓީ ދެމެޗުން ޕޮއިންޓެއް ނުލިބި އޮތުމުންނެވެ. އެޓީމަށް ދެން ބާކީ އޮތީ އެންމެ މެޗެކެވެ.

ވާދޫގެ ގޯލްތައް އިއްޔެގެ މެޗުގައި ޖަހައިދިނީ މުހައްމަދު ނާއިލްގެ އިތުރުން އިބްރާހީމް ޝައުފް މުހައްމަދެވެ. ހިތަދޫގެ ގޯލްތައް ޖެހީ އީމާން ނަޒީރާއި ހާޒިމް ފައުޒީ (ހަތީ) އެވެ.

އިއްޔެ ވަނީ ޒޯން ފަހެއްގެ ފުރަތަމަ މެޗުވެސް ކުޅެފައެވެ. ޒޯން ފަހެއްގައި ތިން ޓީމު ވާދަކުރާ އިރު، އެ ޒޯނުގައި ހިމެނެނީ އިއްޔެ މެޗުން މޮޅުވި މ. ދިއްގަރާއި މެޗުން ބަލިވި ފ. މަގޫދޫގެ އިތުރުން ދ. ކުޑަހުވަދުއެވެ. އިއްޔެ ދިއްގަރުން މަގޫދޫ ބަލިކުރީ 1-0 އިންނެވެ. އެމެޗުގައި ދިއްގަރުގެ ގޯލް ޖެހީ އިސްމާއީލް ޒަޔާން ސުލައިމާނެވެ.

ދިއްގަރުން ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިރޭ އޮންނަ މެޗުތައް

20:00 ހއ. މާރަންދޫ - ހދ. ނޮޅިވަރަންފަރު (ޒޯން 1)

20:00 ހދ. ނައިވާދޫ - ހއ. ކެލާ (ޒޯން 1)

21:00 ށ. ކަނޑިތީމް - ނ. މާޅެންދޫ (ޒޯން 2)

21:00 ށ. ފޯކައިދޫ - ރ. ދުވާފަރު (ޒޯން 2)

22:00 ވ. ކެޔޮދޫ - އއ. މަތިވެރި (ޒޯން 4)

22:00 އދ. އޮމަދޫ - އދ. މަހިބަދޫ (ޒޯން 4)