އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ރަށުން ބޭރުގައި ބޯންމައުތު އަތްދަށުވި އިރު، މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކޮށްފިއެވެ.
ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ބޯންމައުތު ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލަށް މިއީ އުނދަގޫ ސީޒަނެކެވެ. މިހާތަނަށް އެޓީމުން ލީގުގައި ހަތް މެޗުން ބަލިވެފައިވާ އިރު، ލިވަޕޫލް އޮތީ ހަތަރު ވަނައިގައެވެ. އެއީ 23 މެޗުން 36 ޕޮއިންޓާއެކުގައެވެ. މިރޭ އާސެނަލާ ދެކޮޅަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑަށް، އެމެޗު ކާމިޔާބުކޮށް ހަތަރު ވަނައަށް ޖެހިލަން ފުރުސަތު އެބައޮތެވެ. އޭގެ އިތުުރުން ހަވަނައިގައި އޮތް ޗެލްސީއަށްވެސް އެ ފުރުސަތު އެބައޮތެވެ.
ރޭ ލިވަޕޫލުން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބޯންމައުތުން ލިވަޕޫލް ކޮޅަށް ދެ ގޯލް ޖެހިއެވެ. އެ ގޯލްތައް ޖެހީ އެވަނިލްސަން އާއި އެލެކްސް ހިމަނޭޒެވެ. އޭގެފަހުން ހާފު ނިމުމުގެ ކުރިން ވާޖިލް ވެން ޑައިކް ލިވަޕޫލަށް އުންމީދެއް ހޯދައިދިން އިރު، ދެވަނަ ހާފުގައި ޑޮމިނިކް ޒޮބޮސްލާއީ މެޗު އެއްވަރު ކުރިއެވެ. އެއީ 80 ވަނަ މިނެޓުގައެވެ.
އެ ގޯލާއެކު މެޗު އެއްވަރުވާން ދަނިކޮށް، ލިވަޕޫލް ކޮޅަށް ބޯންމައުތުގެ ތިންވަނަ ގޯލް ޖެހީ އަމީން އާދިލެވެ. އެއީ ފަހު މިނެޓުގައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނީ އޭނާގެ ޓީމަށް ދިމާވި މައްސަލައަކީ ވަރުބަލިކަން ކަމަށެވެ. އޭނާ ބުނީ މިދިޔަ 10 ވަރަކަށް މެޗުގައި ކުޅެން ޖެހުނީ ގާތްގަނޑަކަށް އެއް ކުޅުންތެރިންތަކެއް ބޭނުން ކޮށްގެން ކަމަށާއި ރޭގެ މެޗުގެ ފަހުކޮޅުގައި ޓީމަށް ދިމާވި މައްސަލައަކީ ވަރުބަލިކަން ކަމަށެވެ.
އާސެނަލަށް ޕްރެޝަރު ކުރުމަށް ސިޓީން ރޭ ހޯދި މޮޅުގައި އެޓީމުން ވުލްވްސް ބަލިކުރީ 2-0 އިންނެވެ. އެ މޮޅާއެކު ސިޓީ ދެވަނައިގައި އޮތީ 23 މެޗުން 46 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އާސެނަލް އޮތީ 22 މެޗުން 50 ޕޮއިންޓާއެކުގައެވެ.
ސިޓީއަށް އަލަށް ސޮއިކުރި މާކް ގޭއީއާއި އެންޓޮއިން ސެމެންޔޯގެ ރަނގަޅު ކުޅުމެއް ރޭ ފެނިގެން ގޮސްފައިވާ އިރު، ސިޓީގެ ފުރަތަމަ ގޯލް ޖެހީ އެފްކޯންއިން އެނބުރި އައި އޮމަރް މަރްމޫޝްއެވެ. އޭގެފަހުން ހާފު ނިމެން ދަނިކޮށް ސިޓީގެ ދެވަނަ ގޯލް ޖެހީ ސެމެންޔޯއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު