ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އަތޮޅު ތަށި، ރ. ދުވާފަރާއި ވ. ކެޔޮދޫގެ އިތުރުން އއ. މަތިވެރިންވެސް ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ރޭ ނިމިފައިވާ އިރު، އިއްޔެ ހަވީރާއި ރޭވެސް ވަނީ ފަސް އަތޮޅެއްގެ ފައިނަލް ކުޅެފައެވެ. މަތިވެރި އާއި ކެޔޮދޫ އަތޮޅު ތަށި ދިފާއުކުރި އިރު، ދުވާފަރުން ތަށި ނެގީ ވާދަވެރި އިނގުރައިދޫ ބަލިކޮށްގެންނެވެ.
މަތިވެރިން ހަތަރު ވަނަ އަތޮޅު ތަށި ހޯދީ ރޭ ކުޅުނު ފޯރިގަދަ ފައިނަލުގައި ބޮޑުފޮޅުދޫ ކައިރިން 1-0 އިން މޮޅުވެގެންނެވެ. މެޗުގައި މަތިވެރީގެ އަލީ އަލްސަން އަށް ރަތް ކާޑުވެސް ދެއްކިއެވެ. އެހެން ނަމަވެސް މަތިވެރިން ވަރުގަދައަށް ކުޅެފައިވާ އިރު، އެޓީމުގެ ހަމައެކަނި ގޯލް، މެޗުގެ ފަހުކޮޅުގައި ޖަހައިދިނީ މުހައްމަދު ޝަފްރާޒެވެ.
އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީވެސް މަތިވެރީގެ އަލްސަންއެވެ.
މަތިވެރިން ވަނީ މީގެ ކުރިން 2022، 2024ގެ އިތުރުން 2025 ވަނަ އަހަރުގެވެސް އަތޮޅު ތަށި ހޯދައިފައެވެ.
ދުވާފަރުންވެސް ހަތަރު ފަހަރަށް އަތޮޅު ތަށި ހޯދި އިރު، އެޓީމުން އިނގުރައިދޫ ބަލިކުރީ 2-0 އިންނެވެ. މެޗުގައި ހަމައެކަނި ގޯލް ޖެހީ ހަސަން އަޒޫމް އަލީއެވެ. ރ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ދުވާފަރުގެ މުހައްމަދު އިސާމް (ޝަންޓެ) އެވެ.
ކެޔޮދޫންވެސް އަތޮޅު ތަށި ހޯދި އިރު، އެޓީމުން ރޭ ފުލިދޫ ބަލިކުރީ 3-0 އިންނެވެ. ކެޔޮދޫން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އަތޮޅު ތަށި ހޯދި މެޗުގައި އެޓީމުގެ ގޯލްތައް ޖަހައިދިނީ އަރީން އަބްދުﷲ އިބްރާހީމާއި އަޒްޔާން އާދަމް ރަޝީދާއި ޝިރްފާން ހުސައިން އަލީއެވެ.
ވ. އަތޮޅުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ކެޔޮދޫގެ އަޒްޔާނެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ އެޓީމުގެ އަރީނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް މިއަދާއި މިރޭ ނޯންނާނެއެވެ. ދެން މެޗުތައް އޮންނާނީ މާދަމާއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް