ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކްލަބު އީގަލްސް ބަލިކޮށްފިއެވެ.

އިއްގެ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ގިނަ ގޯލްތަކެއް ފެނިގެން ގޮސްފައިވާ އިރު، ނިއު މޮޅުވީ 8-4 އިންނެވެ. މޮޅާއެކު ނިއުއިން ތިންވަނައިގައި އޮތީ 16 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި އީގަލްސް ފަސް ވަނައިގައި އޮތް 16 މެޗުން 22 ޕޮއިންޓާ އެކުގައެވެ.

އިއްޔެ ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓުގައި ނިއުއިން ގޯލް ޖެހިއެވެ. އެ ގޯލް ޖެހީ އަބްދުލާއީ ބިލިޓީއެވެ. އޭގެ ހައެއްކަ މިނެޓް ފަހުން އިބްރާހީމް ލެބީ އީގަލްސްއަށް ގޯލް ޖަހައިދިން އިރު، ފުރަތަމަ ހާފުގައި ނިއުގެ އިތުރު ތިން ގޯލް ފެނުނެވެ. އެ ގޯލްތައް ޖެހީ ބިލިޓީއާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން އަލްހާޖީ ގެރޯއެވެ.

އެ ހާފުގައި އީގަލްސްގެ ދެވަނަ ގޯލް ޔޫސުފް ސިދާމް އަލީ (ސިއްކޮ) ޖެހި އިރު، ދެވަނަ ހާފުގައި ނިއުއިން އިތުރު ގޯލްތަކެއް ޖެހިއެވެ. އޭގެ ތެރެއިން ދެ ގޯލް ބަދަލަށް ނުކުތް އަލީ އަޝްފާގު (ދަގަނޑޭ) ޖެހި އިރު، އޭނާ އިއްޔެގެ މެޗަށްވެސް ކުޅެން ނުކުތީ ބަދަލަކަށެވެ.

އޭގެ އިތުރުން ސެންޓޭއާއި ލުއިސް ގޮމޭސް ޑަ ސިލްވާގެ ގޯލެއް ޖެހި އިރު، އީގަލްސްގެ އަނެއް ދެ ގޯލް ޖެހީ އިބްރާހީމް މަހުދީ ހުސައިނާއި އަލީ ހާފިޒް (ހާއްޕެ) އެވެ.