ޗޮކްލެޓު ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެއަށް ހަޝިޝް އޮއިލް އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހއ. ހޯރަފުށީ، އާފިޔާ، އަހުމަދު އަލީ 47އ އިންޑިއާއަށް ގޮސް، އެ އެއްޗެހީގެ ސަޕްލަޔަރާ ބައްދަލުކުރި ކަމަށް ފުލުހުން އިއްޔެ ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
މަގުމަތީގެ އަގު 30 މިލިއަން ރުފިޔާއަށް އަރާ، ޗޮކްލެޓް ސިރަޕް ފުޅިތަކެއް ކަސްޓަމްސްއިން އަތުލައިގަތީ، އެ ފުޅިތައް ބަލައި ފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވުމުން ހިންގި އޮޕަރޭޝަނެއްގައެވެ.
އެ މައްސަލައިގައި ދެ މީހުން ހައްޔަރުކުރިއެވެ. އެއީ، އަހުމަދު އަލީގެ އިތުރުން ގދ. ތިނަދޫ، ގޯލްޑަންހައުސް، މުހައްމަދު އާދިލް 57އ އެވެ.
އެ މައްސަލައިގައި އެ ދެ މީހުން ބަންދުކުރުމަށްފަހު އިއްޔެ ވަނީ އަހުމަދު އަލީގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ކޯޓުން އޭނާގެ ބަންދަށް އިތުރު 15 ދުވަސް ދީފައިވާ އިރު، ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ ވަނީ މައްސަލައިގައި ބައިވެރިވާ ފަރާތްތަކާ މުއާމަލާތްތަކެއް ކޮށްފައެވެ. އެގޮތުން މުދާ ގަތުމަށް އިންޑިއާއަށް ގޮސް އެ ފަރާތްތަކާ ބައްދަލުކޮށް އަމަލީގޮތުން ކުށް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އަހުމަދު އަލީ ކޯޓުގައި ބުނެފައިވަނީ އެ ފޮށިގަނޑު ބަލައި ދިޔައިރު އެ ފޮށިގަނޑުގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަހުމަދު ވަނީ އޭނާއަކީ މުދާ ކުލިއާ ކުރުމުގެ މަސައްކަތްކުރާ މީހެއް ކަމަށް މީގެ ކުރިން ކޯޓުގައި ވަނީ ބުނެފައެވެ.
އެތެރެކުރި ހަޝިޝް އޮއިލްގެ ޖުމުލަ ބަރުދަން 40 ކިލޯއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެފައިވާ އިރު، ކޮންމެ ފުޅިއެއްގައި 1.10 އާއި 1.14 މިލިލީޓަރާ ދެމެދުގެ މިންވަރަށް ހަޝިޝް އޮއިލް ހުރި ކަމަށްވެސް ބުނެފައިވެއެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް