ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ހއ. އަތޮޅުގެ ޗެމްޕިއަންކަން އަނެއްކާވެސް ކަނޑުހުޅުދޫން ހޯދައިފިއެވެ.

ކަނޑުހުޅުދޫން މިއަހަރުގެ އަތޮޅު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު އެ އަތޮޅުގެ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ދެއްވަދޫ ކައިރިން 3-0 އިން މޮޅުވެގެންނެވެ. މިއީ ކަނޑުހުޅުދޫން އަތޮޅު ތަށި ހޯދި ހަތަރު ވަނަ ފަހަރެވެ. އެޓީމުން ވަނީ 2015، 2016ގެ އިތުރުން 2024 އާއި މިއަހަރު އަތޮޅު ތަށި ހޯދައިފައެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި ކަނޑުހުޅުދޫގެ ގޯލްތައް ޖެހީ މުހައްމަދު ޒައިން ނިޔާޒާއި އިބްރާހީމް ރާއިޝް އަބްދުލް އަޒީޒްގެ އިތުރުން އިސްމާއީލް އަންވާރެވެ.

އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކަނޑުހުޅުދޫގެ އަހްނަފް ނިޒާރެވެ.

ގއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހްނަފް --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިރޭ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އޮންނާނީ ވަރުގަދަ ހަތަރު ފައިނަލެކެވެ. އެއީ ލ. އަތޮޅު ފައިނަލުގައި ގަމާއި އިސްދޫ ވާދަކުރާ މެޗާއި ކ. އަތޮޅު ފައިނަލުގައި ގާފަރާއި މާފުށި ވާދަކުރާ އަތޮޅު ފައިނަލުގެ އިތުރުން ތ. ތިމަރަފުއްޓާއި ކިނބިދޫ ވާދަކުރާ އަތޮޅު ފައިނަލްގެ އިތުރުން އދ. އަތޮޅު ފައިނަލުގައި މަހިބަދުއާއި އޮމަދޫ ވާދަކުރާ އަތޮޅު ފައިނަލެވެ.