ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އއ. އަތޮޅު ފައިނަލުގައި މަތިވެރިއާ ދެކޮޅަށް ނުކުންނަން ބޮޑުފޮޅުދޫން ފައިނަލް ޔަގީންކުރި އިރު، ނ. އަތޮޅު ފައިނަލުގެ ފަހު ޖާގަ މާޅެންދޫން ހޯދައިފިއެވެ.

އއ. އަތޮޅު ލީގު ބުރުގެ ފަހު ދެ މެޗު އިއްޔެ ހަވީރު ކުޅެފައިވާ އިރު، މަތިވެރި އޮތީ ލީގު ބުރުގެ އެއްވަނައާއެކު ފައިނަލް ޔަގީން ކޮށްފައެވެ. އަނެއް ޖާގައަށް ތޮއްޑުއާއި ބޮޑުފޮޅުދޫގެ އިތުރުން ހިމަންދޫ ވާދަކުރިއެވެ. ހިމަންދުއަށް މެޗުން މޮޅުވެގެން އަތޮޅު ފައިނަލަށް ދެވެން އޮތް އިރު، ބޮޑުފޮޅުދޫ ފައިނަލް ޔަގީންކުރީ ހިމަންދޫ ކައިރިން 5-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ބޮޑުފޮޅުދޫގެ އަހުމަދު މާއިން، ޔޫނުސް ރައްޔާން، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ޖެހީ ހުސައިން ނަވާޒެވެ. ހިމަންދޫގެ ގޯލް ޖެހީ އަހުމަދު މައިޝް ޖަލީލެވެ.

ތޮއްޑުއަށް ފައިނަލްގެ ފުރުސަތު އޮއްވައި، އެޓީމުން 4-1 އިން މާޅޮސް ބަލިކުރި ނަމަވެސް، ބޮޑުފޮޅުދޫ އަތުނުވީ ފައިދާ ގޯލްގެ ފަރަގު ބޮޑުކުރުމުންނެވެ. ތޮއްޑުއަށް އިއްޔެ ގޯލްތައް ޖަހައިދިނީ ހަސަން މިރުސާލާއި އާދަމް ރާއިން މުހުތާރު އަދި އަލީ މަނާލް މުސްތަފާއެވެ. މިރުސާލް މެޗުގައި ދެ ގޯލް ޖެހި އިރު، މާޅޮހުން ގޯލް ޖެހީ އަލީ ފަލާހެވެ.

ނ. އަތޮޅުގެ ލީގު ބުރުގެ ފަހު ދެ މެޗަށް ރޭ ނުކުތް އިރު، ހޮޅުދޫ އޮތީ ކުރިން އަތޮޅު ސެމީ ޔަގީން ކޮށްފައެވެ. ވެލިދުއާއި މާޅެންދުއަށް ފަހު ޖާގައިގެ ފުރުސަތު އޮތް އިރު، ވެލިދޫ ވަނީ ކަޓާފައި އޮތް ހެނބަދޫ ކައިރިން 3-0 އިން ބަލިވެފައެވެ. ހެނބަދޫގެ ގޯލްތައް ޖެހީ މުހައްމަދު ރީޝާން ރަޝީދާއި އަރުޝަދު ވަހީދާއި އަލީ ޝަހީދެވެ.

މާޅެންދުއަށް ޕޮއިންޓަކާއެކުވެސް ފައިނަލަށް ދެވެން އޮތް އިރު، އެޓީމުން އަތޮޅު ފައިނަލް ޔަގީންކުރީ ހޮޅުދޫ ކައިރިން 2-1 ގެ ނަތީޖާއަކުންނެވެ. މާޅެންދޫން ފުރަތަމަ ފައިނަލް ޔަގީންކުރި މެޗުގައި ދެ ގޯލް ޖެހީ އިބްރާހީމް ޒިޔާނެވެ. ހޮޅުދޫގެ ހަމައެކަނި ގޯލް ޖެހީ ހުސައިން ޝަފާހެވެ.

މާޅެންދޫން އަތޮޅު ފައިނަލް ޔަގީންކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިރޭ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އޮންނާނީ ވަރުގަދަ ހަތަރު ފައިނަލެކެވެ. އެއީ ލ. އަތޮޅު ފައިނަލުގައި ގަމާއި އިސްދޫ ވާދަކުރާ މެޗާއި ކ. އަތޮޅު ފައިނަލުގައި ގާފަރާއި މާފުށި ވާދަކުރާ އަތޮޅު ފައިނަލުގެ އިތުރުން ތ. ތިމަރަފުއްޓާއި ކިނބިދޫ ވާދަކުރާ އަތޮޅު ފައިނަލްގެ އިތުރުން އދ. އަތޮޅު ފައިނަލުގައި މަހިބަދުއާއި އޮމަދޫ ވާދަކުރާ އަތޮޅު ފައިނަލެވެ.