ލ. ގަމުން މީގެ ކުރިން ގޯލްޑަން ފުޓްސަލް ޗެލެންްޖްތަކުގައިވެސް ޕެނަލްޓީގައި ތަފާތު ދައްކާފައިވެއެވެ. އެއީ ބަދަލު ކީޕަރެއްގެ ގޮތުގައި ފެނިގެންދާ އަހުމަދު ހުޝާމް (ގުންޒާލޯ)އަށް އިތުބާރުކޮށް، އޭނާގެ ތަފާތުންނެވެ.

މިދިޔަ އަހަރުގެ ގޯލްޑަންގެ ސެމީ ފައިނަލަށް ގަން ދިޔައީވެސް ބ. އޭދަފުށި ކުއާޓާ ފައިނަލުގައި ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީއާ އެކު ގަމުން މެޗު ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ.

އެފަހަރުވެސް ތަފާތު ދެއްކީ ގުންޒާލޯއެވެ. އޭނާ ނުލައި މިފަަހަރު ގަމުން މުބާރާތަށް ނުކުތް އިރު، އަތޮޅު ފައިނަލަށް ދާން މާވަށް ކައިރީ ޖެހުނީ ޕެނަލްޓީ ޖަހާށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތް އިރު، ޕެނަލްޓީއަށް ގޮސް، މާވަށުގެ ތިން ޕެނަލްޓީވެސް ގަމުގެ ކީޕަރު މުހައްމަދު ރަޝީދު (ރަޝިއްޓޭ) މަތަކުރިއެވެ.

"އަލްހަމްދުﷲ ފައިނަލަށް ދެވުނީމަ. ވަރަށް އުނދަގޫ ސެމީ ފައިނަލަކަށްފަހު ފައިނަލަށް މި ދެވުނީ. އިރާދަކުރެއްވިއްޔާ ގްރޫޕް ސްޓޭޖުގައި އިސްދޫ އަހަރެމެން ބަލިކުރިހެން، އިސްދޫ ބަލިކޮށްފައި އަތޮޅު ތަށި ނެގުން އެއީ އުންމީދަކީ. ޓީމު އެކީ އެކައްޗަކަށް މިތިބީ،" ރަޝިއްޓޭ އެރޭގެ މެޗަށްފަހު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ގަމުގެ ކީޕަރު ރަޝިއްޓޭ ޕެނަލްޓީ މަތަކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ރަޝިއްޓޭ ބުނީ ޕެނަލްޓީ ޝޫޓްއައުޓަކަށް ނުކުންނަ އިރު، އަބަދުވެސް ވަރަށް ޔަގީންކަން އޮންނަ ކަމަށެވެ.

"ޕެނަލްޓީ ޝޫޓްއައުޓަކަށް ދާއިރު އަބަދުވެސް ވަރަށް ޔަގީންކަން އޮވޭ ދޭއް ނޫނީ ތިން ޕެނަލްޓީ ނެގޭނެ ކަމަށް. އެއީ ދެން އެހެން ހުރިހާ ކުޅުންތެރިންވެސް ދޭ އިތުބާރާއެކު އެ ޔަގީންކަން އެ އޮންނަނީ. ދެން ގަމުގެ ޓާގެޓަކަށް އޮތީ ޒޯނަށް ދާ ހިސާބުން ދެން ގައުމީ ޓީމާއެކު ތިބި ދެކުޅުންތެރިންނާ ކީޕަރު ލުފްޝާނާވެސް އެކު ޒޯން ނަގައިގެން ކުރިއަށް ދާން،" ރަޝިއްޓޭ ބުންޏެވެ.