ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ށ. އަތޮޅު ފައިނަލަށް ކަނޑިތީމާއި ފޯކައިދޫ ދަތުރުކޮށްފިއެވެ.

ށ. އަތޮޅު ސެމީ ފައިނަލް ދެމެޗު ރޭ ކުޅެފައިވާ އިރު، ކަނޑިތީމުން ސެމީގައި ނުކުތީ އެންމެފަހުގެ ޗެމްޕިއަން މިލަންދުއާ ދެކޮޅަށެވެ. އެ ދެޓީމަކީ މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކުރި ދެޓީމެވެ. އެފަހަރު ފައިނަލުގައި ކަނޑިތީމުގެ މައްޗަށް މިލަންދޫން ކުރި ހޯދީ ޕެނަލްޓީގައެވެ.

ރޭ ދެޓީމުގެ ކުރިމަތިލުން ކަނޑިތީމުން ކާމިޔާބުކުރީ 1-0 ގެ ހަނި ތަފާތަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް، ފަހުކޮޅުގައި ޖަހައިދިނީ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ރައުލް ނިޔާޒެވެ. އޭނާ މިހާތަނަށް މުބާރާތުގައި އަށް ގޯލް ކާމިޔާބު ކޮށްފައިވެއެވެ.

އެ އަތޮޅުގެ އަނެއް ސެމީ ފައިނަލުގައި ވާދަކުރީ އަލަށް މުބާރާތަށް ނުކުތް ފުނަދުއާއި ފޯކައިދުއެވެ. އެމެޗު 0-0 އިން އެއްވަރު ވެގެން ޕެނަލްޓީއަށް ގޮސްފައިވާ އިރު، ފޯކައިދޫން މެޗު ކާމިޔާބުކުރީ 5-3 އިންނެވެ.

ފޯކައުދޫގެ މުހައްމަދު މައާން ސަބީހާއި ސުމާމް ލަތީފް، މުހައްމަދު ސަމްހާން، ހުސައިން ޒިދާން އަދި ނަދީމް ނަޒާވް ޕެނަލްޓީ ކާމިޔާބުކުރިއެވެ. ފުނަދުއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަލީ ރިޒުވީނާއި ހަސަން އާދިލް އަދި އަލީ ޝައިހާން ނަސީމެވެ.

ފޯކައިދޫން ފައިނަލަށް ގޮސް އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00 ގދ. ވާދޫ - ގދ. ހޯޑެއްދޫ (އަތޮޅު ފައިނަލް)

16:00 ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ

17:00 ބ. އޭދަފުށި - ބ. ފެހެންދޫ

މިރޭ އޮންނަ މެޗުތައް

20:00 ހދ. ނޮޅިވަރަންފަރު - ހދ. ފިނޭ (އަތޮޅު ސެމީ ފައިނަލް)

20:00 ހދ. ނައިވާދޫ - ހދ. ނޭކުރެންދޫ (އަތޮޅު ސެމީ ފައިނަލް)

21:00 ޅ. ކުރެންދޫ - ޅ. އޮޅުވެލިފުށި

21:00 ޅ. ހިންނަވަރު - ޅ. ނައިފަރު

22:00 ދ. ބިލެއްދޫ - ފ. މަގޫދޫ

22:00 ފ. ނިލަންދޫ - ފ. ދަރަނބޫދޫ

23:00 މ. ދިއްގަރު - މ. ކޮޅުފުށި

23:00 މ. މަޑުއްވަރި - މ. ނާލާފުށި