މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލުމުގެ ސަބަބުން އޭގެއިން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ "ބަލްމާ 6" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ. ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:27 ހާއިރު ލިބިފައިވާ ކަމަށެވެ.
ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައި ކަމަށާއި އަނެއް ދެ މީހުން މިހާތަނަށް ފެނިފައިނުވާ ކަމަށެވެ. ގެއްލިގެން ހޯދަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާގެ ހަށިގަނޑު ކަމަށެވެ.
"ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ތާޖް އެގްޒޯޓިކާ ކައިރިން ވަނީ ފެނިފައި. އަދި ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފަ،" އެމްއެންޑީއެފުން ބުންޏެވެ.
ގެއްލުނު ބަނގުލަދޭޝް މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މުހައްމަދު އިޝާން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް