އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.
ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި ޑާބީ މެޗުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ސީޒަން ނިމެންދެން އެ ކްލަބާ ހަވާލުވި ވަގުތީ ކޯޗު، މައިކަލް ކެރިކް އެ ކްލަބާ ހަވާލުވިފަހުން ކުޅުނު ފުރަތަމަ މެޗެވެ. ކުރިން ޔުނައިޓެޑަށް ކުޅުނު ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ރޭ ޑާބީ މެޗުން މޮޅުވި އިރު، މިއީ 2024 ވަނަ އަހަރު ޑިސެމްބަރު މަހަށްފަހު އެ ޓީމުން ސިޓީ ބަލިކުރި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުން ބަލިވުމާއެކު ސިޓީއަށް ވަނީ ތާވަލުގެ އެއްވަނައަށް ކުރަމުންދާ މަސައްކަތުގައި އިތުރު އުނދަގޫތަކަކާ ކުރިމަތިވެފައެވެ. އާސެނަލް ރޭ އެއްވަރުވި އިރު، އާސެނަލަށް 22 މެޗުން ލިބިފައި ވަނީ 50 ޕޮއިންޓެވެ. ސިޓީއަށް 22 މެޗުން ލިބިފައި ވަނީ 43 ޕޮއިންޓެވެ.
ޔުނައިޓެޑުން މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެއީ 22 މެޗުން 35 ޕޮއިންޓާއެކުގައެވެ.
މެޗުގެ ތިންވަނަ މިނެޓުގައި ހެރީ މެގުއާ ކޯނަރަކަށް އަރައި ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވެފައިވާ އިރު، ފުރަތަމަ ހާފުގައި ބޮޑަށް ޑޮމިނޭޓް ކޮށްގެން ކުޅުނީ ޔުނައިޓެޑުންނެވެ. އަމަޑް ޑިއާލޯއާއި ބްރޫނޯ ފެނާންޑޭޒްވެސް ކުރިއަށް ޖެހި ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ނައްޓާލާފައި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ވަނީ އެ ދެ ފަހަރުވެސް އޮފްސައިޑް ކަމަށް ނިންމައިފައެވެ.
ދެވަނަ ހާފުގައިވެސް ޔުނައިޓެޑުން މޮޅަށް ކުޅެފައިވާ އިރު، ކައުންޓާގައި ޔުނައިޓެޑުން ލީޑު ނެގީ 65 މިނެޓުގައެވެ. އެއީ ސިޓީގެ ހިލޭ ޖެހުމެއްގައި އަނެއްކޮޅަށް ތަނަވަސްވި ފުރުސަތެއްގައި ބްރައިން އެމްބުއޭމޯ ޖެހި ގޯލެކެވެ.
އޭގެ 10 ވަރަކަށް މިނެޓްފަހުން ޔުނައިޓެޑުން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރީ މަތެއަސް ކޫންޏާ ހުރަސްކުރި ބޯޅައެއްގައި ޕެޓްރިކް ޑޯގޫ ޖެހި ގޯލުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު