ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް އީގަލްސް ކައިރިން 3-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލީގު ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

މާޒިޔާއިން މިހާތަނަށް ކުޅުނު 15 މެޗުން 43 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބުން 14 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ. މިހާރު ހާލަތު އޮތް ގޮތުން އޮޑިން މިއަދު ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން އޮޑި ބަލިވި ނަމަވެސް، މާޒިޔާއަށް ލީގު ޔަގީންވާނެއެވެ. އޮޑިން މިއަދު ކުޅޭ މެޗުން މޮޅުވިޔަސް، މާޒިޔާ އިން ދެން ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެނަމަ، އެޓީމަށް ލީގު ލިބޭނެއެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، މާޒިޔާގެ ފުރަތަމަ ގޯލު، 56 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އެވެ. އެއީ ކޯނަރެއްގައި ނިއާ ޕޯސްޓަށް އަރައި ބޮލުން އޭނާ ކާމިޔާބު ކުރި ގޯލެކެވެ.

އޭގެފަހުން 79 ވަނަ މިނެޓުގައި މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ދެވަނަ ގޯލް ޖަހައިދިން އިރު، އޭނާ ގޯލް ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަހަކުންނެވެ.

އޭގެ އިރުކޮޅެއް ކުރިން ސަމުއްޓެ ފަޔަށް އީގަލްސްގެ މާވިން ލެބީ ކުރި ފައުލަށް އޭނާއަށް ސީދާ ރަތް ކާޑު ދައްކާފައިވެއެވެ. އެ ޓެކުލާއެކު ކޮންމެވެސް ވަރަކަށް ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގިއެވެ.

އީގަލްސްގެ ކުޅުންތެރިއެއް މަދުވުމުގެ ފައިދާ ނަގައި، މާޒިޔާއިން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ހަމްޕުއެެވެ.