ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި، އެންމެ ބޮޑު ފުޓްސަލް މުބާރާތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ކަމަށާއި، މުބާރާތުގެ ތަށްޓަކީ ކެރިއަރުގައި އެންމެ މުހިއްމު އަދި އެންމެ ބޭނުންވާ ތަށި ކަމަށް ގާފަރުގެ ކެޕްޓަން ސާމިން މުހައްމަދު ނަސީރު ބުނެފިއެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކ. އަތޮޅު ސެމީ ފައިނަލް މެޗުތައް މިރޭ އޮންނަ އިރު، ގާފަރުން ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ކާށިދުއާ ދެކޮޅަށެވެ. ގާފަރުން މީގެ ކުރިން 2015 އަދި 2022 ވަނަ އަހަރު މުބާރާތުގެ ފައިނަލްގައި ކުޅުނު ނަމަވެސް، އަދި އެޓީމަށް މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މީގެ ކުރިން ހަތަރު ފަހަރު އަތޮޅު ޗެމްޕިއަންކަން ހޯދި ގާފަރު މިދިޔަ އަހަރު ކެޓީ އަތޮޅު ސެމީންނެވެ. އެއީވެސް ކާށިދޫ ކައިރިންނެވެ.

އެފަހަރު އަވަހަށް ކެޓުމުގެ ހަނދާން ނައްތާލުމަށް ގާފަރުން މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް، ރަނގަޅު ފޯމެއް ދަމަހައްޓަމުންދާ އިރު، ސާމިންގެ ނަޒަރުގައި ގޯލްޑަންގެ ވާދަވެރިކަން ވަނީ އިތުރުވެފައެވެ.

"ޓީމު ޕާފޮމަންސާ ދޭތެރޭ ހިތްހަމަ ޖެހޭ. ގާތްގަނޑަކަށް ދޮޅުމަސް، ނޫނީ ދެ މަސް ވަރު ޕްރެކްޓިސްކޮށްފައި މިއައީ. ގޯލްޑަންއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި މުބާރާތް. ދެން މި މުބާރާތުގެ ޓީމުތަކުގެ ލެވެލް މިހާރު އަހަރަކަށްވުރެ އަހަރަކަށް ޓަފް ވަމުން މިދަނީ. މިހާރު ނޭނގެ ބުނާކަށް ކޮން ޓީމެއް ކަމެއް ކަޓާނީކީ،" ސާމިން "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ގާފަރުން މިފަހަރު ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ ގާފަރު ފުޓްސަލް ޓީމް

ސާމިން ބުނީ "ކުރިން އުޅެނީ ރަނގަޅު ފަސް ހަ ޓީމު ވަރު،" ކަމަށާއި "މިހާރު 20 ވަރަކަށް ޓީމު ތަށްޓަށް ވާދަކޮށްލެވޭ ފެންވަރުގައި،" ފެންނަ ކަމަށެވެ.

ގާފަރުގެ ޓާގެޓާ ގުޅޭގޮތުން ސާމިން ބުނީ ފުރަތަމަ ވިސްނަނީ ޒޯނަށް ދާާން، އަތޮޅު ފައިނަލަށް ނުކުންނަން ކަމަށާއި، އިތުރަށް ވިސްނާނީ އެއަށްފަހު ކަމަށެވެ. އެއާއެކު ސާމިން ބުނީ އޭނާގެ ފުޓްސަލް ކެރިއަރުގައި އެންމެ ބޭނުންވެފައިވާ ތަށްޓަކީ މިހާރު ގޯލްޑަންގެ ތަށި ކަމަށެވެ.

"ގާފަރުގެ ފުރަތަމަ ޓާގެޓަކީ ޒޯން ބުރަށް ދިޔުން. އެއަށްފަހު ދެން އިތުރު ވިސްނުމަކަށް ދާނީ. މިއީ ދެން ކެރިއަރުގައި އެންމެ ބޭނުންވާ ތަށި،" އޭނާ ބުންޏެވެ.

ގާފަރުން ކުޅޭ އަތޮޅު ސެމީގައި ކާށިދުއާ ދެކޮޅަށް ނުކުންނާނީ މިރޭ 9:00 ގައެވެ.