މިސްރުގެ ތަރި މުހައްމަދު ސަލާހް، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) އަށްފަހު އަލުން އަނބުރާ ސްކޮޑާ ގުޅޭތީ އެކަމާ ހިތްހަމަޖެހޭ ކަމަށާއި، މަރުހަބާ ކިޔަން ތައްޔާރަށް ހުރި ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

ސަލާހް އެފްކޯންއަށް ދިޔުމުގެ ކުރިން، ކޯޗު ސްލޮޓާ މައްސަލަ ޖެހި، އެކަން މީޑިއާތަކަށް ހާމަކޮށްފައިވެސް ވެއެވެ. ލިވަޕޫލްގެ ފޯމު ދަށްވެގެން ދިޔަ ދަނޑިވަޅުގައި ސްލޮޓް ވަނީ ސަލާހް ބެންޗުވެސް ކޮށްފައެވެ. އެއާއެކު ސަލާހް ބުނީ ދަށް ފޯމުގެ ތެރެއިން ކްލަބާ ގުޅުން ގޯސްވެއްޖެ ކަމަށާއި، އެފަހަރު އޮތް ހާލަތުން ކުރިއަށް ދާން ނުވިސްނާ ކަމަށެވެ.

"އަހަރެން ކުރިން ވަރަށް ގިނަ ފަހަރަށް ބުނިން ކޯޗާ ގުޅުން ރަނގަޅޭ. އެހެން ގޮސް ގޮސްފައި، ކުއްލިއަކަށް މި ގުޅުން ގޯސްވީ. އަހަންނަށް ދެން މިހާރު ވާންވީ ގޮތެއްވެސް ނޭނގެ. މިހާރު އަހަންނަށް ސިފަވަނީ ކޮންމެވެސް މީހަކު އަހަރެން ބޭރުކުރަން ބޭނުންވާ ކަމަށް،" ސަލާހް އޭރު ބުންޏެވެ.

ސަލާހް ބުނީ ދަށް ފޯމުގެ ޒިންމާ އޭނާ ބޮލަށް ކަނޑާލި ކަމަށެވެ.

އެ ނުތަވަސްކަމުގައި ސަލާހް އެފްކޯންއަށް ގޮސް، މިސްރާއެކު ރަނގަޅު ފޯމެއްގައި ކުޅުނެވެ. މިސްރާއެކު ސަލާހް ސެމީއަށް ދަތުރުކުރި ނަމަވެސް، އެ ޓީމު ކެޓީ ސެނެގާލް ކައިރިން ބަލިވެގެންނެވެ. މިސްރަށް އަދި ތިންވަނަ ހޮވާ މެޗު އެބައޮތެވެ.

"ފުރަތަމަ ކަމަކަށް މިސްރާއެކު ސަލާހް އަދި ކުޅެން އެބަޖެހޭ ވަރަށް މުހިންމު މެޗެއް. އޭނާ އެނބުރި އަންނާތީ އަހަރެން ހިތްހަމަޖެހޭ. 15 އެޓޭކަރުން ޓީމުގައި ތިބި ނަމަވެސް، އަހަރެން ސަލާހް ބޭނުންކުރާނަން. އޭނާއަށް މަރުހަބާ ކިޔަން ތައްޔާރު،" އުމުރުން 33 އަހަރުގެ ސަލާހާ ގުޅޭގޮތުން ސްލޮޓް ބުންޏެވެ.

މިހާރު ލިވަޕޫލްގައި އޮތީ ސަލާހް އެފްކޯންއަށް ދިޔަ އިރު އޮތް ހާލަތެއް ނޫނެވެ. އެންމެފަހުން ލިވަޕޫލުން ކުޅުނު 11 މެޗުންވެސް އެޓީމު ބަލިނުވެ ހިފަހައްޓާލާފައިވާ އިރު، ސްލޮޓް ބުނީ ޓީމުގެ ކޮންފިޑެންސް މިހާރު އޮތީ ރަނގަޅަށް ކަމަށެވެ.