ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅު ސެމީ ފައިނަލް ފަހު ދެ ޖާގަ، ނޭކުރެންދުއާއި ފިނޭއިން ހޯދި އިރު، މ. އަތޮޅުގެ ފައިނަލްގެ އުންމީދު ނާލާފުށިން ހޯދައިފިއެވެ.

ހދ. އަތޮޅުންވެސް މުބާރާތުގައި 10 ޓީމަކުން ވާދަކުރަމުންދާ އިރު، ރޭ ގްރޫޕް ސްޓޭޖު ފަހު މެޗުތަކަށް ނުކުތް އިރު، އަތޮޅު ސެމީ ފައިނަލް ޖާގަތަކުން ބާކީ އޮތީ ދެ ޖާގައެވެ. ރޭގެ މެޗުތަކުގެ ކުރިން ގްރޫޕް އޭއިން ނޮޅިވަރަންފަރަށް ސެމީ ޔަގީންވެފައިވާ އިރު، އަނެއް ގްރޫޕްގެ އެއްވަނަ ނައިވާދުއަށްވެސް އޮތީ އަތޮޅު ސެމީ ޔަގީންވެފައެވެ.

ނޭކުރެންދޫން ރޭ އަތޮޅު ސެމީ ޔަގީންކުރީ ނޮޅިވަރަންފަރު ކައިރިން މުހިންމު ޕޮއިންޓެއް ހޯދައިގެންނެވެ. އެ މެޗުގައި ނޮޅިވަރަންފަރުގެ ގޯލު ޖެހީ މުހައްމަދު ސާމިހު ފަތުހުﷲއެވެ. ނޭކުރެންދުއަށް އެއްވަރުކޮށްދިނީ ކެޕްޓަން މުހައްމަދު ވިލްފެވެ.

އެ ގްރޫޕުން ހަނިމާދޫން ސެމީއަށް ދާން ކުރި މަސައްކަތުގައި 4-1 އިން ނޮޅިވަރަމް ބަލިކުރި ނަމަވެސް، އެ ޓީމަށް ފުރުސަތު ގެއްލުނީ ފޮއިންޓެއްގެ ފަރަގުންނެވެ.

ހަނިމާދޫގެ މުހައްމަދު ހާލިދު މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ އާސިފް ސަލީމާއި އަލީ ހަސަނެވެ. ނޮޅިވަރަމްގެ ހަމައެކަނި ގޯލު ޖެހީ ހާލިދު އަބްދުލް ރަހީމެވެ.

އެ އަތޮޅު އަނެއް ގްރޫޕުގައި ފިނޭއިން ގްރޫޕްގެ ދެވަނަ ޔަގީންކުރީ ކުމުންދޫ ކައިރިން 3-1 އިން މޮޅުވެގެންނެވެ. ފިނޭގެ ގޯލުތައް ޖެހީ އަލީ ނާއިފާއި އަހުމަދު ޝާނީޒްގެ އިތުރުން ކީޕަރު އިބްރާހީމް އާޒިމެވެ. އާޒިމް ގޯލު ޖެހީ ކުމުންދޫން ކީޕަރާއެކު ކުރިއަށް ޖެހުނު ވަގުތު ލިބުނު ބޯޅައެއް ސައްޕަކުން ގޯލަށް ފޮނުވާލައިގެންނެވެ.

ކުމުންދޫގެ ގޯލު މެޗުގައި ޖެހީ ފަހުމާން އަބްދުލް ހަމީދެވެ.

ނައިވާދޫން ހުރިހާ މެޗަކުން މޮޅުވެ ގްރޫޕް ސްޓޭޖު ނިންމާލީ ރޭ ވައިކަރޫ 3-1 އިން ބަލިކޮށްގެންނެވެ. ނައިވާދޫގެ ގޯލުތައް ޖެހީ އަބްދުﷲ ވިސާމާއި ޔައީޝް ޖަމީލް އަދި ޔޫސުފް ޝާއިފެވެ. ވައިކަރަދޫގެ ހަމައެކަނި ގޯލު ޖެހީ އަހްމަދުﷲ މުހައްމަދު ސަލާތެވެ.

ނައިވާދޫން ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

މ. އަތޮޅުގެ ލީގު ބުރުގެ ފޯރިވެސް ގަދަވެފައިވާ އިރު، ފަސް ޓީމުގެ ތެރެއިން ތިން ޓީމު ދަނީ އަތޮޅު ފައިނަލަށް ވާދަކުރަމުންނެވެ. އެއީ އެއްވަނައިގައި ތިން މެޗުން ހަތް ޕޮއިންޓާއެކު އޮތް މަޑުއްވަރިއާއި ދެވަނައިގައި ތިން މެޗުން ހަ ޕޮއިންޓާއެކު އޮތް ނާލާފުށި އަދި ތިން މެޗުން ހަތަރު ޕޮއިނޓާއެކު ތިންވަނައިގައި އޮތް ދިއްގަރެވެ. އެ އަތޮޅުން މުލަކާއި ކޮޅުފުށި ވަނީ ކަޓައިފައެވެ.

ނާލާފުށިން ރޭ އުންމީދު އާކުރީ އަތޮޅު ޗެމްޕިއަން ދިއްގަރު ކައިރިން 3-2 އިން މޮޅުވެގެންނެވެ. ނާލާފުށީގެ އަހުމަދު ރަފާހް މެޗުގައި ހެޓްރިކް ހެދި އިރު، ދިއްގަރުގެ ދެ ގޯލު ޖެހީ ހުސައިން ފާރިޝްއެވެ.

ކޮޅުުފުއްޓާއި މުލިން ރޭ ވާދަކުރި މެޗު 1-1 އިން އެއްވަރުވި އިރު، އެ މެޗުގައި ކޮޅުފުށީގެ ގޯލު ޖެހީ އަބްދުﷲ ގައްސާން އަހުމަދެވެ. މުލަކުން ގޯލު ޖެހީ އަހުމަދު ހައިޒަމް އަންވަރެވެ.

ދެން އެ އަތޮޅުގެ ލީގު ބުރުގައި ބާކީ އޮންނާނީ މަޑުއްވަރިއާއި ނާލާފުށި ވާދަކުރާ މެޗާއި ދިއްގަރާއި ކޮޅުފުށި ވާދަކުރާ މެޗެވެ.

ނާލާފުށިން ދިއްގަރު ކޮޅަށް ހެޓްރިކް ހެދި ރަފާހް ގޯލަކަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00 ނ. ވެލިދޫ - ނ. ހޮޅުދޫ

16:00 ރ. އަލިފުށި - ރ. ދުވާފަރު

17:00 ރ. އިނގުރައިދޫ - ރ. ފައިނު

17:00 ނ. ހެނބަދޫ - ނ. މާޅެންދޫ

މިރޭ އޮންނަ މެޗުތައް

20:00 ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ

20:00 ބ. ދަރަވަންދޫ - ބ. އޭދަފުށި

21:00 ކ. ގާފަރު - ކ. ކާށިދޫ (އަތޮޅު ސެމީ)

21:00 ކ. ދިއްފުށި - ކ. މާފުށި (އަތޮޅު ސެމީ)

22:00 އއ. މާޅޮސް - އއ. ހިމަންދޫ

22:00 އއ. ބޮޑުފޮޅުދޫ - އއ. މަތިވެރި

23:00 ގއ. ކަނޑުހުޅުދޫ - ގއ. ވިލިނގިލި (އަތޮޅު ސެމީ)

23:00 ގއ. ދެއްވަދޫ - ގއ. ގެމަނަފުށި (އަތޮޅު ސެމީ)