އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުތަކުން މެންޗެސްޓާ ސިޓީއާއި އާސެނަލުންވެސް މޮޅުވެއްޖެއެވެ.

ލީގު ކަޕްގެ ސެމީގެ ފުރަތަމަ ލެގުގައި ސިޓީން ނިއުކާސަލް ދަނޑުގައި މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީން އަމިއްލަ ދަނޑުގައި އާސެނަލް ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

ސިޓީއާއި ނިއުކާސަލް ވާދަކުރި މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ މަަދު ހަމަލާތަކެއް ނަމަވެސް، ކުރީކޮޅުގައި ނިއުކާސަލްއަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައެވެ. ޔޯނޭ ވީސާއަށް ރަނގަޅު ފުރުސަތެއް ލިބި އޭނާ އަތުން ފުރުސަތު ބޭކާރު ވެގެން ދިޔަ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި އޭނާއަށް ލިބުނު ފުރުސަތުގެވެސް ބޭނުމެއް ނުހިފުނެވެ.

އެ ފުރުސަތު ގެއްލުނުތާ މާގިނައިރެއް ނުވެ، ސިޓީން މެޗުގެ ލީޑު ނެގިއެވެ. އަލަށް ގެންދިޔަ އެންޓޮއިން ސެމެންޔޯ ގޯލް ޖެހީ، ޖެރެމީ ޑޮކޫ ފޮނުވާލި ބޯޅައެއްގައި ރީބައުންސް ބޯޅައަށް އަރައެވެ. ސެމެންޔޯ މިހާތަނަށް ސިޓީއަށް ކުޅުނު ދެމެޗުގައިވެސް ގޯލް ޖަހާފައިވެއެވެ.

ނިއުކާސަލްގެ ސްވެން ބޮޓްމަންގެ ހަމަލާއެއް ރޮނގުމަތިން ސާފުކޮށްލާފައިވާ އިރު، އަނެއްކާވެސް ގޯލް ޖެހީ ސިޓީންނެވެ. އެ ގޯލް ޖަހައިދިނީ ރަޔަން ޗެރްކީއެވެ.

ޗެލްސީއާއި އާސެނަލް ވާދަކުރި މެޗުގެ ހަތްވަނަ މިނެޓުގައި އާސެނަލުން ގޯލް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ކޯނަރެއްގައި ބެން ވައިޓެވެ. ޗެލްސީގެ އާ ކޯޗު ލިއަމް ރޮސެނިއާގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ ހޯމް މެޗުގައި އިތުރު އުނދަގޫތަކަކާ ކުރިމަތިވީ ދެވަނަ ހާފު ކުރީކޮޅުގައި ވިކްޓޯ ޔޯކެރޭޝްގެ ގޯލުން އާސެނަލް ލީޑު ފުޅާކުރުމުންނެވެ.

އޭގެފަހުން ދެކޮޅަށްވެސް ފުރުސަތުތައް ލިބިފައިވާ އިރު، ޗެލްސީން ހިތްވަރު ހޯދީ އެލެހާންޑްރޯ ގާނާޗޯ ޖެހި ގޯލުންނެވެ. ގާނާޗޯ މެޗަށް ނުކުތީ ބަދަލަށެވެ. އޭގެފަހުން މާޓިން ޒުބިމެންޑީ ގޯލެއް ޖަހައި އިތުރަށް ލީޑު ފުޅާކުރި ނަމަވެސް، ގާނާޗޯގެ އިތުރު ގޯލަކާއެކު ޗެލްސީން ދެވަނަ ލެގަށް އުންމީދެއް ހޯދިއެވެ.