ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުން ރާއްޖޭގެ ކުޅިވަރަށް ގެނައި އިންގިލާބީ ބަދަލުގެ އިތުރުން އިޖުތިމާއީ ގޮތުންވެސް ހެޔޮ ބަދަލުތަކެއް ގެނެސްދީފި ކަމަށް ތަޖުރިބާކާރު ކޯޗު، އިސްމާއިލް ޝަރީފް (އިއްސެ) ބުނެފިއެވެ.

އިއްސެއަކީ މީގެ ކުރިން ލ. ގަމާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކޮށްފައިވާ ކޯޗެކެވެ. މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކޯޗު، އިއްސެ މިފަހަރު ގޯލްޑަންއަށް ނުކުތީ އެންމެ ކާމިޔާބު ޓީމު، ތިންފަހަރުގެ ޗެމްޕިއަން ތ. ތިމަރަފުށި ގޮވައިގެންނެވެ.

މިހާތަނަށް ތިމަރަފުށިން ކުޅުނު ގްރޫޕް ސްޓޭޖުގެ ދެމެޗުންވެސް މޮޅުވެ، އެޓީމުން އަތޮޅު ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، ޓީމާ ދޭތެރޭ އިއްސެ ހިތްހަމަ ޖެހެއެވެ.

"ދެމޮޅާއެކު ހަމަ ބޭނުންވި ގޮތަށް އަދި ކުރިއަށް މިދަނީ. އެއީ ކޮންމެ ގޮތެއް ވިޔަސް ތިން ޕޮއިންޓަށް މެޗަށް ނުކުންނަނީ. އެކަން ކާމިޔާބުވުމާއެކު އަސްލު ހިތްހަމަ ޖެހޭ. އަދިވެސް ބޮޑުތަނުން ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅުވަމުންދާނެ ކަމަށް މިބަލަނީ،" އިއްސެ އިއްޔެގެ މެޗަށްފަހު "ވަން ސްޕޯޓްސް އެމްވީ"އަށް ބުންޏެވެ.

އިއްސެ ގަމު ޓީމަށް އިރުޝާދު ދެނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

އޭގެ އިތުރުން އިއްސެ ވަނީ މުބާރާތުގެ ފެންވަރާ ގުޅޭގޮތުންވެސް ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ ގޯލްޑަންގެ މިވީ ތާރީހުގެ ތެރޭގައި ފެނިގެން ދިޔައީ ކުޅިވަރަށް ގެނެސްދިން ހެޔޮ ބަދަލު އެކަނި ނޫން ކަމަށާއި، ރަށްރަށަށް އިޖުތިމާއީ ގޮތުންވެސް ގުޅުންތައް ގާއިމުކޮށްދީ ރާއްޖެ ގުޅުވާލަ ދިން ކަމަށެވެ.

"މިހާރު މުބާރާތުގެ ލެވެލް މިއޮތީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި. ކުޅިވަރެއްގެ ގޮތުގައި އެކަންޏެއް ނޫން. ފުޓްސަލްގެ ކުރިއެރުން އެކަންޏެއްވެސް ނޫން. އިޖުތިމާއީ ގޮތުން އެ އޮންނަ ގުޅުންތައް ފާހަގަކުރަން ޖެހޭ. ރަށުވަންތަ ގުޅުންތަކާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖުން މުޅި ރާއްޖެ މިއޮތީ ގުޅުވާލާފައި. އަޅުގަނޑަށްވެސް ކުރިން ނުދަންނަ އެތައް ބަޔަކާ ދިމާވެ، ގުޅުން ގާއިމުކުރެވުނު މީގެ ތެރެއިން. އެހެންވީމަ މިއީ ވަރަށް ތަފާތު ވަރުގަދަ ޕްލެޓްފޯމެއް،" އިއްސެ ބުންޏެވެ.

އިއްސެ ފާހަގަކުރީ މިހާރު އަތޮޅު ބުރުގެ މެޗުތައްވެސް ފަސޭހަ ނުވާނެ ކަމަށާއި، ޓީމުތަކުން ރަނގަޅަށް ތައްޔާރުވުމަކީ އެކަމުގެ ސަބަބު ކަމަށެވެ.

"އަސްލު އަތޮޅު ބުރުގައިވެސް މިހާރު ފެނޭ ވާދަވެރިކަން. މިހާރު މެޗެއް ނަގަންޏާ ބޭނުންވާނެ ފިޒިކަލީ ރަނގަޅުވުމުގެ އިތުރުން ރޭވުންތެރިކަންވެސް ރަނގަޅުވާން. ގިނަ ދުވަހު ޕްރެކްޓިސް ކޮށްފައި އައުމުން އާދައިގެ ކަމަށް ކިޔައި ޓީމުތައްވެސް ފިޒިކަލީ އެ ތަފާތު ދައްކާލައި. އަތޮޅު ބުރުގައިވެސް ވާދަވެރިކަން ފެނޭ، އެއީ ޓީމު ރަނގަޅަށް ތައްޔާރުވެގެން ނުކުންނާތީ،" އިއްސެ ބުންޏެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ފުރަތަމަ ފަހަރު ބާއްވާފައި ވަނީ 2015 ވަނަ އަހަރުއެވެ. މިއަހަރު 10 ވަނަ މުބާރާތެއް ބާއްވަމުންދާ އިރު، މުބާރާތުގައި 119 ޓީމަކުން ވާދަކުރަމުން ދެއެވެ. އެއީ ގާތްގަނޑަކަށް 1700 އެއްހާ ކުޅުންތެރިންނެވެ. މުބާރާތުގެ ތެރެއިން ތަފާތު މަންޒަރުތައް އަބަދުވެސް ފެނިގެންދާ އިރު، ގޯލްޑަން ވެގެން ގޮސްފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު ޕްލެޓްފޯމަށެވެ. ހާއްސަކޮށް އެންމެ ގިނަ ބަޔަކު ބަލާ މުބާރާތަށެވެ.