ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތ. އަތޮޅު ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް އެންމެފަހުގެ ޗެމްޕިއަން ތިމަރަފުއްޓާއި ކިނބިދޫން ހޯދައިފިއެވެ.
ތ. އަތޮޅުން އަށް ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ތ. އަތޮޅުގެ ގްރޫޕް އޭއިން ތިމަރަފުށި ދެވަނަ މޮޅު މިއަދު ޔަގީންކުރީ އެންމެފަހުގެ އަތޮޅު ފައިނަލުގައި ވާދަކުރި ހިރިލަންދޫ، 2-1 އިން ބަލިކޮށްގެންނެވެ.
ފޯރިގަދަކޮށް ފެނުނު މެޗުގައި ތިމަރަފުށީގެ އާދަމް ނާސިހު (އާދަންނާ) އެޓީމަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފު ފެށިގެން ފުރަތަމަ ކޮޅުގައި އަހުމަދު އަފްލާޒް ވަނީ އެޓީމަށް ދެވަނަ ގޯލެއްވެސް ޖަހައިދީފައެވެ.
އޭގެ އިރުކޮޅެއްފަހުން މުހައްމަދު ޝަމްހާންގެ ގޯލުން ހިރިލަންދޫ ފަރަގު ކުޑަކުރި ނަމަވެސް، އެޓީމަށް އެއްވަރު ކުރެވޭނެ ގޮތެއް ނުވިއެވެ.
އެ ގްރޫޕުގައި އޮމަދޫން ކުޅުނު ދެވަނަ މެޗުވެސް މިއަދު ނިމުނީ އެއްވަރު ވެގެންނެވެ. އޮމަދޫ ދެ ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު، އެޓީމަށް ދެން ބާކީ އޮތީ ތިމަރަފުށި މެޗެވެ. މިއަދު އޮމަދޫން ވަންދުއާ އެއްވަރުވީ 1-1 އިންނެވެ.
ވަންދޫގެ އަހުމަދު ޝަބީން ގޯލް ޖެހި އިރު، އޮމަދޫގެ ގޯލް ޖެހީ މުހައްމަދު އުނޭޝްއެވެ.
ކިނބިދޫންވެސް ދެ މެޗުން ދެ މޮޅު ހޯދާފައިވާ އިރު، މިއަދު އެޓީމުން ބުރުނި ބަލިކުރީ 6-2 އިންނެވެ. ކިނބިދޫގެ އާދަމް ފަރުހާނާއި މުހައްމަދު ޝާފިއު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އިރު، އަނެއް ދެ ގޯލަކީވެސް ބައިކޮޅަށް ވަން ދެ ގޯލެވެ.
އެއީ މުހައްމަދު ނާހިލް ނޫހާއި މުހައްމަދު ޝާމް އަތުން ބައިކޮޅަށް ވަން ގޯލްތަކެވެ. ބުރުނީގެ ގޯލްތައް ޖަހައިދިނީ ނާހިލްއާއި ހުސައިން މަމްދޫހު އަހުމަދެވެ.
އެ ގްރޫޕުގައިވެސް މިއަދު ކުޅުނު އަނެއް މެޗު ވަނީ އެއްވަރުވެފައެވެ. ގާދިއްފުއްޓާއި ވިލުފުށި 1-1 އިން އެއްވަރުވި އިރު، ގާދިއްފުށީގެ ގޯލް ޖެހީ ހުސައިން ޒާހިރެވެ. ވިލުފުށީގެ ގޯލް ޖަހައިދިނީ މޫސާ ފަތުހީއެވެ.
އެ ގްރޫޕުގައިވެސް އޮތީ ގްރޫޕް އޭގައި އޮތް ހާލަތެވެ. ދެވަނައިގައި ވިލުފުށި ދެ ޕޮއިންޓާއެކު އޮތް އިރު، ގާދިއްފުއްޓާއި ބުރުނި އޮތީ އެއް ޕޮއިންޓާއެކުގައެވެ. ކޮންމެ ޓީމަކަށްވެސް އޮތީ ބާކީ މެޗެކެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ތ ތިމަރަފުށީ ރަގަޅު ރަގަޅު ކޮލަވަ
އާޒިމް - 5 މަސް ކުރިން