އިނގިރޭސި އެފްއޭ ކަޕްގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި 10 ގޯލް ޖަހައިގެން މޮޅުވި އިރު، ޗެލްސީންވެސް އާ ކޯޗު ލިއަމް ރޮސެނިއާއާއެކު ފެށުން ރަނގަޅު ކޮށްފިއެވެ.
އިނގިރޭސި ތިންވަނަ ޑިވިޝަނުގެ އެކްސެޓާ ކައިރިން ސިޓީން ރޭ އަމިއްލަ ދަނޑުގައި މޮޅުވީ 10-1 އިންނެވެ. ރޭގެ ނަތީޖާއަކީ ސިޓީ ތާރީހުގައިވެސް ހޯދި ބޮޑު މޮޅެކެވެ. މީގެ ކުރިން އެންމެފަހުން ސިޓީން ނެރެފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާއަކީ ދެވަނަ ޑިވިޝަނުގައި ހަޑާސްފީލްޑް ކައިރިން ހޯދި 10-1 ގެ މޮޅެކެވެ. އެއީ 1987 ވަނަ އަހަރު ހޯދި މޮޅެކެވެ.
ޕެޕް ގާޑިއޯލާ ކޯޗުކަން ކޮށްދޭން ފެށިފަހުންވެސް ސިޓީން ހޯދި އެންމެ ބޮޑު މޮޅަކީ ރޭ ހޯދި މޮޅެވެ. ހާފު ނިމުމުއިރުވެސް 4-0 ގެ ލީޑެއްގައި ސިޓީން އޮތް އިރު، އޭގެ ތެރެއިން ދެ ގޯލަކީ ބައިކޮޅަށް ވަން ދެ ގޯލެވެ.
މެކްސް އެލޭނޭއާއި ރޮޑްރީ ސިޓީއަށް ގޯލް ޖަހައިދިން އިރު، ބައިކޮޅަށް ވަން ގޯލްތަކަކީ ޖޭކް ޑޮޔެލް-ހޭސްއާއި ޖެކް ފިޓްޒްވޯޓާ އަތުން ވަން ގޯލްތަކެވެ.
ދެވަނަ ހާފުގައި ސިޓީގެ ރިކޯ ލެވިސް ދެ ގޯލް ޖެހި އިރު، އަލަށް އެޓީމަށް ސޮއިކުރި އެންޓޮއިން ސެމެންޔޯއާއި ނިކޯ އޮ'ރެއިލީ، ޓިޖާނީ ރެއިންޑާސް އަދި ރަޔަން މެކްއައިޑޫވެސް ސިޓީއަށް ގޯލް ޖަހައިދިނެވެ.
މެޗުގައި އެކްސެޓާގެ ގޯލް ޖަހައިދިނީ ޖޯޖް ބާޗެވެ.
ޗެލްސީން ރޭ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޗާލްޓަން ކައިރިން މޮޅުވީ 5-1 އިންނެވެ. ރަށުން ބޭރުގައި ޗެލްސީ ހޯދި މޮޅާއެކު އާ ކޯޗު ރޮސެނިއާއަށް ހިތްހަމަ ޖެހުމެއް ލިބިފައިވާ އިރު، އެޓީމުގެ ގޯލްތައް ޖަހައިދިނީ ޖޮރެލް ހަޓޯއާއި ޓޮސިން އަޑަރަބިއޯ، މާކް ގީއޫގެ އިތުރުން ޕެޑްރޯ ނެޓޯއާއި އެންޒޯ ފެނާންޑޭޒްއެވެ.
ޗާލްޓަންގެ ހަމައެކަނި ގޯލް ޖެހީ މައިލްސް ލެއަބާންއެވެ.
ޕެލެސް ކެޓީ ނޮން ލީގު މެކްލެސްފީލްޑް ކައިރިން
ރޭގެ އެފްއޭ ކަޕް ފުރަތަމަ މެޗުތަކުގައި ފެނުނު އެންމެ އާދަޔާހިލާފު މަންޒަރަކީ އެންމެފަހުގެ ޗެމްޕިއަން ކްރިސްޓަލް ޕެލެސް، ހަވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ މެކްލެސްފީލްޑް އަތުން ބަލިވުމެވެ.
ނޭޝަނަލް ލީގު ނޯތުގައި ވާދަކުރާ މެކްލެސްފީލްޑްގެ ދަނޑުގައި ކުޅުނު މެޗުން ޕެލެސް ބަލިވީ 2-1 އިންނެވެ.
މެކްލެސްފީލްޑްގެ 5،500 މީހުންނަށް ވަދެވޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މެކްލެސްފީލްޑްގެ ގޯލްތައް ޖެހީ ޕައުލް ޑޯސަންއާއި އިސާކް ބަކްލީ-ރިކެޓްސްއެވެ. ޕެލެސްއަށް މެޗުގައި ގޯލެއް ޖެހުނީ ނިމެން ދަނިކޮށެވެ. އެ ގޯލް ޖެހީ ޔެރަމީ ޕިނޯއެވެ.
މެކްލެސްފީލްޑަކީ އިނގިރޭސި ކްލަބު ރޭންކިންނަށް ބަލާއިރު، ޕެލެސްއަށްވުރެ 117 ދަރަޖަ ފަހަތުގައި އޮތް ޓީމެކެވެ. އެހެންކަމުން ރޭގެ ނަތީޖާއަކީ ރޭންކިންނަށް ބަލައި، އެފްއޭ ކަޕް ތާރީހުގައިވެސް އެންމެ ހައިރާންކުރުވަނިވި ނަތީޖާއެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް