ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އދ. އަތޮޅު ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް އެންމެފަހުގެ ޗެމްޕިއަން މަންދުއާއި ދަނގެތިން ހޯދައިފިއެވެ.
އދ. އަތޮޅުން މުބާރާތުގައި އަށް ޓީމަކުން ވާދަކުރަމުންދާ އިރު، މަންދުއާއި ދަނގެތި ސެމީ ޔަގީންކުރީ ދެމެޗުން ދެ މޮޅު ހޯދައިގެންނެވެ. ގްރޫޕް އޭގައި މަންދޫން ދެވަނަ މޮޅެއް ހޯދީ އޮމަދޫ 2-0 އިން ބަލިކޮށްގެންނެވެ.
މަންދޫގެ ގޯލްތައް މެޗުގައި ޖަހައިދިނީ އާދަމް އާޒިމާއި އަހުމަދު ހަމްދާން އަޒްލީނެވެ. އާޒިމް ގޯލް ޖެހީ ހިލޭ ޖެހުމަކުންނެވެ.
އެ ގްރޫޕުގައި ހަންޏާމީދޫންވެސް ވަނީ ކުރިއަށް ދިޔުމަށް މުހިއްމު މޮޅެއް ހޯދާފައެވެ. ހަންޏާމީދޫން ކުނބުރުދޫ ބަލިކުރީ 2-0 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހަންޏާމީދޫގެ ކީޕަރު އަހުމަދު ޝާން ހޮވުނު އިރު، އޭނާ އެއްލި ބޯޅައެއް ކުނބުރުދޫ ކީޕަރު މުހައްމަދު ޒިހާން އަތުގައި ޖެހިފައި ގޯލަށް ވަދެފައިވެއެވެ. އޭގެ އިތުރުން އަނެއް ގޯލް ޖެހީ ހުސައިން އާނިމްއެވެ.
އެ ގްރޫޕްގެ އެއްވަނައިގައި އޮތް މަންދު ދެން ވާދަކުރަން ޖެހޭނީ ހަންޏާމީދުއާ ދެކޮޅަށެވެ. އޮމަދޫއަށް އަދި ފުރުސަތު އޮތް ނަމަވެސް، އެޓީމަށް އަމިއްލަ ބާރެއް ނެތެވެ.
އެއަތޮޅުގެ އަނެއް ގްރޫޕުން ދަނގެތި ދެވަނަ މޮޅަކާއެކު ސެމީ ޔަގީންކުރީ މަހިބަދޫ ކައިރިން 3-2 އިން މޮޅުވެގެންނެވެ. މަހިބަދޫގެ ގޯލްތައް އާދަމް ފަހުމާނާއި އަޔާން ހަސަން ޖަވީޒް ޖެހި އިރު، ދަނގެތީގެ އަހުމަދު ސުދައިން އަލީ ދެ ގޯލް ޖެހިއެވެ. އެޓީމުގެ އަނެއް ގޯލް ޖެހީ އަހުމަދު އަފްޒަލްއެވެ.
އެ ގްރޫޕުގައި ފެންފުށިން އުންމީދެއް ހޯދީ ދެވަނަ މެޗުގައި މިއަދު މާމިގިލި ބަލިކޮށްގެންނެވެ. މިއަދު ފެންފުށިން މޮޅުވީ 7-4 އިންނެވެ. މެޗުގައި ފެންފުށީގެ މުހައްމަދު ޝަމްވީލް ހެޓްރިކް ފުރިހަމަ ކުރި އިރު، އެޓީމުގެ އަނެއް ގޯލްތައް ޖަހައިދިނީ މުހައްމަދު އަލީއާއި ހަމްދާން ވަލީދު އަދި އަބޫބަކުރު އަހުމަދެވެ. މާމިގިލީގެ އިބްރާހީމް މައުރޫފް ދެ ގޯލް ޖެހި އިރު، ހައިސަމް އަރީފް އިބްރާހީމް އިސްމާއިލް ގޯލް ޖެހިއެވެ.
ފެންފުށިން އެޓީމު ކުޅޭ ފަހު މެޗުގައި މަހިބަދޫއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، އެދެޓީމަށްވެސް ދެމެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ދަނގެތިން މާމިގިއްޔާ ދެކޮޅަށް ފަހު މެޗުގައި ނުކުންނަ އިރު، މާމިގިލި އޮތީ ކަޓައިފައެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް