ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އއ. އަތޮޅު ލީގު ބުރުގައި، އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން މަތިވެރިން މާޅޮސް ކައިރިން އެއްވަރުވި އިރު، ހިމަންދޫ އެންމެފަހުގެ އަތޮޅު ރަނަރަޕް ތޮއްޑޫ ބަލިކޮށްފިއެވެ.

އއ. އަތޮޅުން ފަސް ޓީމަކުން ވާދަކުރަމުންދާ އިރު، ދެމެޗުން ހަތަރު ޕޮއިންޓާއެކު މަތިވެރި އޮތީ އެއްވަނައިގައެވެ. ދެވަނައިގައި ތޮއްޑޫން ދެމެޗުން ތިން ޕޮއިންޓާއެކު އޮތް އިރު، ހިމަންދުއަށްވެސް ވަނީ ދެމެޗުން ތިން ޕޮއިންޓް ލިބިފައެވެ. މާޅޮހާއި ބޮޑުފޮޅުދޫވެސް އެއް މެޗު ކުޅުނު އިރު، މާޅޮހަށް ވަނީ ޕޮއިންޓެއް ލިބިފައެވެ. ބޮޑުފޮޅުދުއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ހިމަންދޫން ތޮއްޑޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގެ ހަމައެކަނި ގޯލް، ކުރީކޮޅުގައި ޖަހައިދިނީ އިބްރާހީމް އިހްލާސް އާދަމެވެ. އެމެޗުގެ ދެވަނަ ހާފުގައި ތޮއްޑޫގެ ފައުލް ހަމަވެ، ހިމަންދުއަށް ދުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެޓީމަށް ލީޑު ފުޅައެއް ނުކުރެވުނެވެ. އެހެން ނަމަވެސް ކޮޅަށް ގޯލަށް ވަނަނުދީ ހިމަންދޫން މެޗު ނިންމާލިއެވެ.

އެ އަތޮޅުގައި ރޭ މަތިވެރިން މާޅޮހާ އެއްވަރުވީ 2-2 އިންނެވެ. މާޅޮހުގެ ގޯލްތައް ޖަހައިދިނީ އަހުމަދު އާރިފާއި އަލީ ޒިޔާނެވެ. މަތިވެރީގެ ގޯލްތައް ޖަހައިދިނީ މުހައްމަދު ޝަފުރާޒާއި އަލީ އަލްސަންއެވެ.

މާޅޮހާއި މަތިވެރި ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.