ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އައްޑޫ އަތޮޅު، އަތޮޅު ބުރުގެ ގްރޫޕް މަރަދުއާއި ފޭދޫގެ އިތުރުން ހިތަދޫވެސް އަތޮޅު ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.

އައްޑު އަތޮޅުންވެސް ޖުމުލަ 6 ޓީމަކުން މުބާރާތުގައި ވާދަކުރަމުން އަންނަ އިރު، ގްރޫޕް ސްޓޭޖު ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި މަރަދޫފޭދޫން ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ އިރު، ރޭ ފޭދޫން މަރަދޫފޭދޫ ބަލިކުރީ 3-1 އިންނެވެ.

ފޭދޫގެ ގޯލްތައް ޖަހައިދިނީ ޔޫސުފް ސިދާމް އަލީއާއި މުހައްމަދު ސަޔަމް ސައީދު އަދި އަހުމަދު ޒައުލް ނާޒިމެވެ. މަރަދޫފޭދޫގެ ހަމައެކަނި ގޯލް ޖެހީ ހުސައިން ޝާމިންއެވެ.

މިހާތަނަށް އެ ގްރޫޕުގައި މަރަދުއާއި ފޭދޫން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފައިވާ އިރު، ގްރޫޕްގެ އެއްވަނަ ޔަގީންވާނީ އެ ދެޓީމު ކުޅޭ ގްރޫޕްގެ ފަހު މެޗުންނެވެ.

އައްޑޫގެ ގްރޫޕް ބީގައި ފުރަތަމަ ކުޅުނު މެޗުގައި މީދުއާއި ހުޅުދޫ އެއްވަރުވެފައިވާ އިރު، ހިތަދޫން ރޭ ހުޅުދޫ ބަލިކުރީ 2-0 އިންނެވެ. ހިތަދޫގެ ގޯލްތައް ޖަހައިދިނީ އީމާން ނަޒީރާއި ހާޒިމް ފައުޒީ (ހަތީ)އެވެ.

އެ ނަތީޖާއާއެކު ހިތަދުއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، އެ ގްރޫޕުގެ ފަހުު މެޗުގައި ހިތަދޫން ނުކުންނާނީ މީދުއާ ދެކޮޅަށެވެ. އެމެޗުން ހިތަދޫ ބަލިވި ނަމަވެސް ނުކަޓާނެއެވެ. އެއީ ހޮޅުދުއަށް ދެމެޗުން އެއް ޕޮއިންޓް ލިބިފައި އޮތުމުންނެވެ.

ހޮޅުދުއަށް މިހާރު ސެމީގެ ފުރުސަތެއް އޮތީ ހިތަދޫން މީދޫ ކައިރިން ދެ ގޯލަށްވުރެ ބޮޑު ފަރަގަކުން މޮޅުވެގެންނެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.