ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފ. އަތޮޅު ލީގު ބުރުގައި ނިލަންދޫން ދެވަނަ މޮޅެއް ހޯދި އިރު، މަގޫދޫން ކުޅުނު ފުރަތަމަ މެޗުގައި ފީއަލި ބަލިކޮށްފިއެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ހުޅުމާލެ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ފ. އަތޮޅުން ވާދަކުރަނީ ފަސް ޓީމެވެ.

ނިލަންދޫން ފުރަތަމަ ކުޅުނު މެޗުގައި ފީއަލި ބަލިކޮށްފައި އޮވެގެން އިއްޔެ ނުކުތީ ބިލެތްދޫއާ ދެކޮޅަށެވެ. އަތޮޅު ބުރުގައި ވާދަވެރިކޮށް ފެނިގެންދާ ބިލެތްދޫއާއި ނިލަންދޫ އިއްޔެ ވާދަކުރި މެޗު 3-2 އިން ކާމިޔާބުކުރީ ނިލަންދޫއެވެ.

ބިލެތްދޫން ކުޅުނު ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ދަރަނބޫދޫ ކައިރިން އެއްވަރުވެފައި އޮވެގެން މެޗަށް ނުކުތް އިރު، ފުރަތަމަ ލީޑު ނެގީ އެޓީމުންނެވެ. ގޯލް ޖަހައިދިނީ މުހައްމަދު އީވާން އެވެ. އޭގެ ފަހުން ނިލަންދޫން ގޯލްތައް ޖެހި އިރު، އެޓީމުގެ ގޯލްތައް ޖެހީ ހަސަން ރާއިދާއި ފާރޫގު އިސްމާއީލް އަދި މޫސާ ޖަމާލެވެ.

ބިލެތްދޫގެ ދެވަނަ ގޯލް ޖެހީ މުނީފް އަބްދުﷲއެވެ.

ނިލަންދޫގެ ފާރޫގު ބޯޅައާއެކު ކުރިއަށް --- ފޮޓޯ/ އިމޭޖަސް އެމްވީ

ފ. އަތޮޅުގެ އެންމެފަހުގެ ރަނަރަޕް މަގޫދޫން މިފަހަރު ކުޅުނު ފުރަތަމަ މެޗުގައި ފީއަލި ބަލިކުރީ 3-2 އިންނެވެ. މަގޫދޫގެ އުލޫފް އަހުމަދު ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ އަހުމަދު މުއާޒެވެ.

މިހާތަނަށް ދެ މެޗުން ބަލިވެފައިވާ ފީއަލީގެ ގޯލްތައް އިއްޔެގެ މެޗުގައި ޖަހައިދިނީ ޒިޔާން ހުސައިނާއި ރަފްހާން އިބްރާހީމެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ.

މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަރަކާތްތެރިވާ އިރު، މުބާރާތުގެ އެންމެފަހުގެ އަޕްޑޭޓްތައް "ވަން"އިން ގެނެސްދެމުންދާނެއެވެ.