މިއަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް 621 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ރޭ ކުރި އިއުލާނެއްގައިވާ ގޮތުން މި އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލާން އަތޮޅުތަކުގައި ބަހައްޓާނީ 321 ފޮށްޓެވެ.
"މި އިންތިހާބުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޖުމުލަ 621 ވޯޓު ފޮށްޓެވެ. އެގޮތުން، އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބެހެއްޓޭނެ." އީސީގެ އިއުލާނުގައި ވެއެވެ.
އެ އިއުލާނުގައިވާ ގޮތުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި ދެ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިހާބުގައި ޖުމުލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާން ވަނީ ނިންމައިފައެވެ.
ވޯޓު ފޮށިތަކުގެ ތަފްސީލްތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި އީސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ވޯޓު ފޮށިތަކުގެ އިތުރު މައޫލޫމާތު ލިންކު: https://lnk.bio/elections.mv ލިބެންހުންނާނެއެވެ.
މިއަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،937 މީހަކަށް ލިބިގެންވާކަމަށް އީސީން ބުނެފައިވެއެވެ.
އީސީން މިހާރު ވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ. އީސީން އާންމުކޮށްފައިވާ ލިސްޓުން ދައްކާގޮތުގައި 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
އެ ލިސްޓު އީސީގެ ވެބްސައިޓު، ގެޒެޓު އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި އާންމުކޮށް ފެންނާން ހުންނާނެކަމަށް އީސީން ބުންޏެވެ.
ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަނެއް ނުވަތަ ފޮށި ބަލަން ބޭނުންވާ ފަރާތްތަކަށް (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ބެލެން ހުންނާނެކަމަށް އީސީން ބުންޏެވެ.
ވޯޓާސް ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، މި މަހުގެ 18ވާ އާދީއްތަ ދުވަހުގެ މެންދުރު 3:00 ގެ ކުރިން އީސީގެ "މައި ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ވޯޓާސް ލިސްޓަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުން ނުވަތަ ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެކަމަށް އީސީން ބުންޏެވެ.
ސިޔާސީ ޕާޓީތަކުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ، ޝަކުވާ ހުށަހަޅާނީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ބުނެއެވެ. އީސީން މީގެ ކުރީން އާންމުކޮށްފައިވާ އިންތިހާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.
ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިހާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުންނެވެ.
ސިޓީތަކުގައި ދާއިރާތައް ކަނޑައަޅާފައިވާގޮތުން ކުޅުދުއްފުށި ސިޓީއަށް މޭޔަރު ހިމެނޭހެން ހަތް ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ތިނަދޫ ސިޓީއަށް ހަތް ކައުންސިލަރުން، ފުވައްމުލައް ސިޓީއަށް ނުވަ ކައުންސިލަރުން، އައްޑޫ ސިޓީއަށް 11 ކައުންސިލަރުން އަދި މާލެ ސިޓީއަށް 18 ކައުންސިލަރުން އިންތިހާބުކުރާނެއެވެ.
ފާތިމަތު ލިއުޝާ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން