ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތ. އަތޮޅުގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުން ތިމަރަފުއްޓާއި ކިނބިދޫ މޮޅުވެއްޖެއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ތ. އަތޮޅުގެ އަށް ޓީމަކުން ވާދަކުރަމުން އަންނަ އިރު، އެ އަތޮޅުގެ މެޗުތައްވެސް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް އޭގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށިން ރޭ ވަންދޫ ބަލިކުރީ 3-0 އިންނެވެ. މީގެ ކުރިން ތިން ފަހަރަށް ރާއްޖޭގެ ޗެމްޕިއަންކަން ހޯދާފައިވާ ތިމަރަފުއްޓަށް އިސްމާއީލް މުނީޒް ދެ ގޯލް ޖަހައިދިން އިރު، އަނެއް ގޯލަކީ ހުސައިން އަފީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެ ގްރޫޕުގައި ރޭ އެންމެފަހުގެ އަތޮޅު ރަނަރަޕް ހިރިލަންދުއާއި އޮމަދޫ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗުގެ ކުރީކޮޅުގައި އޮމަދޫގެ ހަސަން ކިއާން ސިނާން، ހިތްގައިމު ގޯލެއް ޖަހައި ލީޑު ނަގައިދިން އިރު، ހިރިލަންދޫން އެއްވަރުކުރީ ފަހުކޮޅުގައެވެ. އެ ގޯލް ޖެހީ މުހައްމަދު މިންވާލެވެ.
ތ. އަތޮޅުގެ ގްރޫޕް ބީގައި ކިނބިދޫން 3-2 އިން ގާދިއްފުށި ބަލިކުރި އިރު، ކިނބިދޫގެ ގޯލްތައް ޖެހީ މުހައްމަދު ސަހާއު (ބޭލް)ގެ އިތުރުން އަބްދުﷲ ސަމީހާއި މުހައްމަދު ޝާފިއުއެވެ. ގާދިއްފުށީގެ ގޯލްތައް ޖެހީ މުހައްމަދު އައިހަމްއާއި މުހައްމަދު ސާހިލެވެ.
އެ ގްރޫޕުގައި ބުރުންޏާއި ވިލުފުށި ވާދަކުރި މެޗުގައި ބުރުނީގެ ގޯލްތައް ޖެހީ މަސްއޫސު ޝަބީނާއި މަހްމޫދު ސަލީމެވެ. ވިލުފުށީގެ ގޯލްތައް ޖެހީ އިސްމާއީލް ހާމީ އަހުމަދާއި އިބްރާހީމް ރިޝާމެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް މިއަދު ހަވީރާއީ މިރޭވެސް ކުރިއަށްދާނެއެވެ.
މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަރަކާތްތެރިވާ އިރު، މުބާރާތުގެ އެންމެފަހުގެ އަޕްޑޭޓްތައް "ވަން"އިން ފޮޓޯ ތަކާއެކު ގެނެސްދެމުންދާނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް